ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގެ ރަށްރަށަށް ކުރިއަށް އޮތް ފަސް ދުވަހު ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، އުތުރުގެ ރަށްރަށަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ބައެއް ހިސާބުތަކަށް ވިއްސާރަ ކުރި ނަމަވެސް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، އާންމު ގޮތެއްގައި މެއި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރެ އެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.
މެޓް އޮފީހުން ބަލާ މިންގަނޑުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދިޔަ އަހަރު ހުޅަނގު މޫސުން ފެށުނީ މެއި ހަތެއްގަ އެވެ. މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް އެ މޫސުން ފެށުނީ މިދިޔަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑު
ހުޅަނގު މޫސުން ފެށުނުކަން ޔަގީންކުރުމަށް ދެ ގޮތަކަށް ބަލަ އެވެ. އެއީ ވާރޭ ވެހުނު މިންވަރާއި ވައިގެ މިސްރާބު ހުރި ގޮތެވެ.
• މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ ގިނައިން ވާރޭ ވެހި، އެ ހާލަތު ޖެހިޖެހިގެން ދެ ދުވަހަށް ދެމިގެންދިއުން
• ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ޖެހުމާއި އެ ހާލަތު ޖެހިގެންޖެހިގެން ދެ ދުވަހަށް ދެމިގެން ދިއުން