އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ގެނައި ބަދަލު އުވާލައި، އަތޮޅު ކައުންސިލްތައް އިޔާދަކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، އަތޮޅު ކައުންސިލް އަލުން އިޔާދަކުރަން ކުޑޫ ހުށަހެޅުއްވި ބިލްގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި އަތޮޅު ކައުންސިލްތައް އުވާލި ބަދަލަކީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށެވެ. އެ ބަދަލުތަކުގެ ތެރެއިން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ މެދު  ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި އެއީ އަތޮޅު ކައުންސިލް އުވައިލަން ގެނައި ބަދަލަށް ވެސް ރައްޔިތުންގެ ރުހުން ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބިލް މަޖިލީހަށް ބަލައި ނުގަންނަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ ތެރެއިން 45 މެންބަރަކު ވޯޓު ދެއްވައިގެންނެވެ. ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ އަށް މެންބަރުންނެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އަށް ބަދަލު ގެނެސް، އަތޮޅު ކައުންސިލްތައް އުވައިލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. 

ގާނޫނުއަސާސީ އަށް އޭރު އެ ބަދަލު ގެނައި އިރު ވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރެއްވި އެވެ.