ސިޔާސީ ޕާޓީތަކުން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަަމަށް ތުހުމަތުކޮށް، އެފަދަ ހަރަކާތްތައް ހުއްޓުވަން ގޮވާލައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ކުރަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަަދު ހުށަހެޅުއްވި ގަރާރުގައި ތުހުމަތު ކުރެެއްވީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަން އަމާންކަން ގެއްލެމުންދާ ކަމަށެެވެ. އެގޮތަށް ތުހުމަތު ކުރައްވައި، ގަރާރުގައި އޭނާ ހުށަހެޅުއްވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅުއެޅުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންަނަވާ ގޮތެއް ބެލުމަށެވެ.
އެ ގަރާރު މަޖިލިހަށް ހުށަހެޅުއްވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން ފަހަކަށް އައިސް ކޮންމެ ރެއަކު އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެ ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ހުންނަ ޕީއެންސީގެ ޖަގަހައިގައި ޖަލްސާތައް ބާއްވާއިރު ވެސް ޕީއެންއެފްގެ ސަޕޯޓަރުން އެ ތަނަށް އެއްވެ އަޑުގަދަ ކުރާ މައްސަލަ ދަނީ ފާހަގަކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވަނީ، ޕީއެެންއެފުން ގާނޫނީ އިމުގެ ބޭރުން މުޒާހަރާތަކާއި އެއްވުންތައް ތަކުރާރުކޮށް ބާއްވަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އާއި އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ޕީއެންއެފުން އަމަލު ކުރާ ކަމަށް ބުނެ އެކަން ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ޕާޓީތަކުން ހިންގާ ކަމަށް ތުހުމަތުކުރާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވަން ފިޔަވަޅު އެޅުން އަވަސްކުރަން އެ ގަރާރުގައި ދައުލަތުގެ އިދާރާތަކަށް ގޮވާލާފައި ވެ އެވެ.
ގަރާރު ހުށަހަޅުއްވަމުން ސައްތާރު ވިދާޅުވީ ހިޔާލުފާޅުކުރުމާއި ޕާޓީތައް އުފައްދައި ހިންގުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާއިރު، އަނެކުންގެ ހައްގުތަކަށާއި މިނިވަންކަމަށް އިހުތިރާމް ކުރުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާ އުސޫލުތަކާ ހިލާފަށް ހިންގަމުންދާ ގާނޫނާ ހިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން، މާލޭގައި ިދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހަމައްލުކުރަން ޖެހިފައި ވާތީ، އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވައި އެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ 189 ވަނަ މާއްދާގެ ދަށުން މި ގަރާރު އަޅުގަނޑު ހުށަހެޅިން،" ގަރާރުގައި ސައްތާރު ވިދާޅުވި އެވެ.
އެ ގަރާރަށް ކުރި ބަހުސްގައި ގަލޮޅުދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ޕީއެންސީ މެންބަރުންނަކީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަމަށް ތުހުމަތުކޮށް ޕީއެންސީ މެންބަރުން މަޖިލީހަށް ގަރާރެއް ހުށަހެޅުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށެެވެ.
"މީގެ އެންމެ ދެތިން އަހަރު ކުރިން، މާލޭގެ އެންމެ ބޮޑު، މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި އަަޅުގަޑުމެންނާ އަވަށްޓެރި އަޅުގަނޑުމެންނަށް އެންމެ އެހީތެރިވެދޭ މަދަދުވެރިވާ އެންމެ ބޮޑު އަވަށްޓެރި ގައުމުގެ ބޮޑުވަޒީރުގެ މާލި ހަދައިގެން ، ކާޓޫނު ހަދައިގެން ޕެރޭޑްކުރި ބައެއް [ޕީއެންސީ މެންބަރުންނަކީ]،" މީކާއީލް ވިދާޅުވި އެވެ.
ގަރާރުގެ ބަހުސްގައި ޕީއެންސީގެ ބައެއް މެމްބަރުން ވިދާޅުވީ ޕާޓީތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާ ކަމަށާއި އެކަން ހުުއްޓުަވަން ފިޔަަވަޅު އެޅުމުގެ އިތުރުން، އެކަން ތަކުރާރުކުރާ ޕާޓީތައް އުވާވެސް ލާން ޖެހޭ ކަމަށެވެ.
"ޕާޓީތަކުގެ ގާނޫނާ ހިލާފަށް އަމަލުކުރާ ކަމަށް ވަންޏާ އެ މީހުންނާ ދެކޮޅަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން ޖެހޭ، މިކަންތައްތަކާ ހިލާފުވާ ނަމަ ހަގީގަތުގައި ކޯޓު އަމުރެއް ނެރެގެން އެބަޖެހޭ މި ޕާޓީތައް އުވާލަން،" މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވި އެވެ.
ޕީއެންސީ މެންބަރުން މި މޭރުމުން ވާހަކަ ދެއްކެވި އިރު އެމްޑީޕީގެ މެންބަރުން ވިދާޅުވީ ޕީއެންސީ އިދިކޮޅުގައި އޮތް އިރު ކުރި މުޒާހަރާތައް ވެސް ހުރީ މިހާރު ކުރާ މުޒާހަރާތަކާ އެއްގޮތަށް ކަމަށާއި ގާނޫނުތައް އޭރު ވެސް ހުރީ މިހެން ކަމަށެވެ.
އީސީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެގޮތުން، ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ހުއްދަ ކުރާ ދާއިރާގެ ތެރެއިން އަމަލުކުރުމަކީ ގާނޫނުން ލާޒިމް ކޮށްފައިވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.
ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާއީދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެއް ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަން ވެސް އީސީން ފާހަގަކުރި އެވެ.