ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ހުޅަނގު މޫސުން ފެށިއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ހުޅަނގު މޫސުމުގެ އަސަރުތައް އާއްމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފުތާގައި އަތޮޅުތަކަށް ފެށޭ ކަމަށެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެ ތެރެއަށް ފޯރައި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް ބުންޏެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ހުކުރު ދުވަހު ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ އިރުވައި މޫސުމަކީ މީލާދީގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗުގެ ނިޔަލަށް ކަމަށެވެ. 

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑު

ވާރޭ: މެއި 1 ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 ޕަސެންޓު ސްޓޭޝަނުން 2.5 މިލިމީޓަރު ނުވަތަ އިތުރަށް ދުވާލެއްގެ މައްޗަށް ރިކޯޑުކުރެވުން.

ވައި: މެއި 1 ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 ޕަސެންޓު ސްޓޭޝަންގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ޖެހުން.

އެ ހާލަތުތައް ވިދިވިދިގެން ދެ ދުވަހަށް ވުރެ އިތުރަށް ދެމިގެން ދިއުމަކީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެވެ.