މި ދުވަސްވަރު މޫސުން ގޯސްވުމުން އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުކަން ދިނުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.
ސިނަމާލެ ބްރިޖުން ސައިކަލެއް ކަހާލައިގެން ރޭ މީހަކު މަރުވެފައި ވަނިކޮށް، ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ވާރޭ ވެހޭ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވާއިރު މައިގަނޑު ހަ ކަމަކަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ. އެއީ؛
- ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުން.
- ވިއްސާރައިގައި އުޅަނދު ދުއްވާއިރު ހެޑްލައިޓު ދިއްލުން.
- ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓު ބޭނުންކުރުން.
- ބުރުގާ އަޅާ މީހުން ވަޔާ އެކު، ބުރުގާ މޫނު މައްޗަށް ނުދާނެހެން ބެހެއްޓުން.
- އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުން.
- ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުން.
ރޭގެ އެކްސިޑެންޓު ހިނގީ 10:12 ހާއިރު ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި އެމްޑަބްލިއުއެސްސީގެ ފެން ލޮރީއެއްގެ ދަށުވެގެންނެވެ. އެކްސިޑެންޓު ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސައިކަލު ދުއްވަން އިން އިންޑިއާގެ ދެވާ ރަޖަން ޔެސޫ ދަސަން ވަނީ މަރުވެފަ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާތީ، ކަނޑު ދަތުރުކުރުމުގައި ވެސް ސަމާލުވާން ކަމާބެހޭ އިދާރާތަކުން ވަނީ އެދިފަ އެވެ.