ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައައެއްގައި ހައްޔަރު ކޮށްފައިވާ އިންޑިއާގެ ދެ އަންހެނުންގެ ތެރެއިން އެކަކަށް އޭގެ އެއްވެސް މައުލޫމާތެއް ނޭނގޭނެ ކަމަށް އޭނާގެ އެކުވެރިޔާ ބުނެފައިވާ ކަމަށް އޭގެ ތެރެއިން އެކެއްގެ ވަކީލު ކޯޓުގައި ބުނެފި އެވެ.
އެ މައްސަލާގައި މިދިޔަ އޭޕްރީލް މަހުގެ އެއްވަަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ޖެނިފާ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލް އެވެ. އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ ދެ މީހުންނަކީ ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ އެ މީހުންގެ ބަންދުގައި ބައިތިއްބަން އަމުރުކުރީ 15 ދުވަހެވެ. އެކަމަކު އެ މުއްދަތު ހަމަވެގެން ބަންދު އަލުން އިތުރުކުރި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ސްމަގަލްކުރަން އުޅުން ކަމުގެ ތުހުމަތު ދެ މީހުންގެ މައްޗަށް ކުރާއިރު ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރީ އެ ދެ މީހުންގެ ބަންދަށް 30 ދުވަސް އިތުރުުކުރާށެެވެ.
އުލްފަތުގެ ކޯޓު އަމުރުގައިވާ ގޮތުން އޭނާ ރާއްޖެ އަށް އައިއިރު ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ދެ ކޮސްމެޓިކްސް ފެނިފައިވާއިރު އޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ކަމަށް އައިއޯ ބުނެފައިވެ އެވެ. އަދި އުލްފަތަކީ އެކަމުގެ އިލްމު ލިބިފައިވާ މީހެއް ނޫން ކަމަށް އޭނާގެ އެކުވެރިޔާ ބުނާ ކަމަށް އުލްފަތުގެ ވަކީލު ކޯޓުގައި ބުނެފައިވެ އެވެ.
ޖެނިފާގެ އަމުރުގައި ބުނީ އޭނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ކޮސްމެޓިކްފުޅި ފެނިފައިވާއިރު އޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ކަމަށެވެ. އޭނާގެ ތަހުގީގު ކުރިއަށް ދާތީ އާއި މިވަގުތު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެހެން ކޮންމެވެސް މުއްދަތެއް ދިނުމަށް އެދޭ ކަމަށް އަދި ތަހުގީގު އަވަސްކޮށްދިނުމަށް އޭނާގެ ވަކީލު ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ.