ރައީސް ޑރ. މުހަައްމަދު މުއިއްޒާއި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވެފައިވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ހުށަހަޅައިފި އެވެ.
އަމިއްލަ ފަރާތަކުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން ތިން ރައީސުން ވެސް ވަނީ ގެގް އޯޑަރާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ފިޔަވަޅު އަޅައިދޭން އެދިފައިވެ އެވެ.
ސިޓީގައިވާ ގޮތުން ނަޝީދު ގެގް އޯޑަރާ ހިލާފުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އާއި އެކިއެކި ވާހަކަފުޅުތަކުގަ އެވެ. ޔާމީން ވެސް ވަނީ ތަކުރާރުކޮށް ގެގް އޯޑަރާ ހިލާފުވެ ވާހަކަފުޅު ދައްކަވާފައި ކަމަށް ބުނެ ވާހަކަފުޅުތަކުގެ ލިންކުތައް ހުށަހަޅާފައިވެ އެވެ.
ރައީސް މުއިއްޒު ގެގް އޯޑަރާ ހިލާފުވެފައިވަނީ، ސިޓީގައި ބުނެފައިވާ ގޮތުން ޕީއެންސީން އެންމެ ފަހުން ބޭއްވި ޖަލްސާގަ އެވެ. އެގޮތުން ޑޮކިއުމެންޓްރީގެ ވާހަކަފތައް ރައީސް އެ ޖަލްސާގައި ދައްކަވާފައިވާ ކަމަށް ބުނެފައިވެ އެވެ.
ތިން ރައީސުންގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އަދި ކަނޑިތީމް ދާއިރާގެ މެންބަރު އަމީން ފައިސަލް ވެސް އޯޑަރާ ހިލާފުވެފައިވާ ކަމަށް ސިޓީގައިވެ އެވެ.
އޭގެ އިތުރުން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި ގާނޫނީ ވަކީލް މަހުފޫޒު ސައީދު ވެސް ގެގް އޯޑަރާ ހިލާފުވެފައިވާ ކަމަށް ބެލެވޭތީ، އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ސިޓީގައި އެދިފައިވެ އެވެ.
އަދަދު ނޫހުން ދެއްކި ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި ދެ ނޫސްވެރިއަކަށް ފިޔަވަޅު އަޅައި، ވަނީ ޖަލަށްލައިފަ އެވެ.
ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލާން ނިންމީ ގެގް އޯޑަރާ ގުޅޭ ޚަބަރު ލިޔުނު ގޮތުން އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައިފަ އެވެ. ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ޑޮކިއުމެންޓްރީއާ ގުޅޭ ސުވާލެއް ރައީސް މުއިއްޒާ ކުރުމުން ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައިފަ އެވެ.
ގެގް އޯޑަރު ބާތިލް ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް، އެ ޖަމިއްޔާއަކީ މައްސަލަ ނިސްބަތްވާ ފަރާތެއް ނޫން ކަމަށް ބުނެ ހައި ކޯޓުން މައްސަލަ ބަލައިނުގަތެވެ. އެހެންވެ، އަދަދު ނޫހުގެ ސީއީއޯ ފިޔާޒުގެ ފަރާތުން މައްސަލަ އަލުން ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
ކްރިމިނަލް ކޯޓުން ގެގް އޯޑަރު ނެރެފައިވަނީ ފިޔާޒު އަދި އަދަދުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ.