ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް މިއަދު ވިދާޅުވީ މިހާރު ވެސް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

"މާދަމާ އާއި ބުރާސްފަތި ދުވަހު ވިއްސާރަކުރާނެ ކަމަށް ވެސް ލަފާކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ. 

ކަނޑުގަދަ ވަގުތެއްގައި މާލެ ކައިރިން ދަތުރުކޮށްފައި ދާ ދޯންޏެއް: މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެ ތެރޭގެ ކަނޑުތައް ވަރަށް ގަދަ ކަމަށް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކަނޑުގަދަ ވަގުތެއްގައި މާލެ ކައިރިން ދަތުރުކޮށްފައި ދާ ދޯންޏެއް: މެޓް އޮފީހުން ބުނީ އުތުރާއި މެދު ރާއްޖެ ތެރޭގެ ކަނޑުތައް ވަރަށް ގަދަ ކަމަށް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޓް އޮފީހުން ދެންމެ ވަނީ ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިރޭ 7:00 އާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެ ހިސާބުގެ ރަށްރަށަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކަނޑުގަދަ ދުވަސްވަރަކަށް ވާއިރު، މި އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޮޑު އީދަށް ހަފުތާއަކަށް ސަރުކާރު ބަންދުވާތީ، މި އަންނަ ހަފުތާ ބަންދުގައި ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީއަށް ރަށްރަށަށް ދަތުރުތައް ކުރާނެ ކަމަށް ބެލެވެ އެވެ. 

ކަނޑުތައް ގަދަވާނެތީ ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. ހުޅަނގު މޫސުން ފެށޭ ދުވަސްވަރު އާންމު ގޮތެއްގައި ވެސް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، އަދި ދޭތެރެއަކުން ވިއްސާރަ ކުރެ އެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފުތާގައި ދެކުނުގެ އަތޮޅުތަކަށް ފެށެ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެ ތެރެއަށް ފޯރައި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށެ އެވެ. 

މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.