އުތުރާއި ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް އެ ސަރަހައްދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓުން ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރުނީ މިއަދު ހެނދުނު އެ ސަރަހައްދަށް ނެރުނު ވައިޓް އެލާޓަށް ފަހުގަ އެވެ. 

އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވުހުމާ އެކު ގުގުރާނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.

އެލާޓު ނެރެފައިވަނީ މިއަދު 12:45 އިން ހަވީރު 5:00 އާ ހަމައަށެވެ.

ކުރިޔަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭ ގެ ހުރިހާ ހިސާބަކަށްވެސް ކެރީގެ އަސަރުކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މާލެއަށް ވެސް މިއަދު ވިއްސާރަކުރަމުން ދާއިރު މާލޭގެ މަގުތަކުގައި ފެން ބޮޑުވަމުން ދާތީ އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.