އެމެރިކާ އާއި އީރާން ސުލްހަވެ، އެއްބަސްވުމެއްގައި ސޮއިކުރަން ނިންމުމުން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހޮރުމުޒް ކަނޑުއޮޅިން މިނިވަންކަމާ އެކު ދަތުރުފަތުރުކުރެވޭނެކަން ކަށަވަރުކުރުން ހިމެނޭހެން އެމެރިކާއާއި އީރާނާ ދެމެދު ހުރި ދެބަސްވުންތައް ހައްލުކުރަން މެމޯރެންޑަމް އޮފް އަންޑަސްޓްޓޭންޑިން އެއް ގާއިމްކުރުމުން އެއްބަސްވެފައި ވާތީ ދިވެހިރާއްޖެއިން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.
"ދިވެހިރާއްޖެއިން ދެކެނީ މިއީ އެ ސަރަހައްދާއި (މެދުއިރުމައްޗާއި) އެހެން ސަރަހައްދުތަކުގައި ވެސް ނުތަނަވަސްކަން ކުޑަކޮށް، ސުލްހަ އާއި ރައްކާތެރިކަމާއި ހަމަޖެހުމާ ދިމާލަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ހުރި މައްސލަަތައް ވާހަކަދައްކައިގެން ހައްލުކުރަން ދެ ގައުމުން ކުރި މަސައްކަތް ރާއްޖެއިން ބަލައިގަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް ބާއްވަން ބިނާކުރަނިވި ގޮތެއްގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނާއި ގަތަރާއި ގަލްފުގެ އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ އެހެން ފަރާތްތަކުން ކުރި މަސައްކަތަށް ރާއްޖެއިން ތައުރީފުކުރާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
މިނިސްޓްރީން ވަނީ، ވާހަަކަދައްކައިގެން މައްސަލަތައް ހައްލުކުރަން ރާއްޖެއިން އަބަދުވެސް ތާއީދުކުރާކަން ތަކުރާރުކޮށްފަ އެވެ.
ފެބްރުއަރީ މަހު 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމާ އެކު ފެށުނު ހަނގުރާމައިގެ ތެރޭގައި އީރާނުން ބަންދުކުރި ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަކީ އަންނަ ހުކުރު ދުވަހު ސޮއިކުރަން ނިންމާފައިވާ އެއްބަސްވުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ކަންތަކެވެ. މުޅި ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 ޕަސެންޓް އުފުލަނީ މި ކަނޑުއޮޅިން ކަމަށް ވާއިރު އެތަން ބަންދުކުރުމުން ތެލުގެ އަގު އިންތިހާއަށް އުފުލިގެން ގޮސް މުޅި ދުނިޔޭގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ.
ސުލްހައިގެ އުންމީދާ އެކު މިހާރު ވަނީ މީގެ ދެ މަސް ދުވަސް ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށްވެފަ އެވެ. މިދިޔަ ހަފްތާގައި 90 ޑޮލަރާ ހިސާބުގައި ހުރި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހޯމަ ދުވަހު ވަނީ 80 ޑޮލަރާ ހަމަޔަށް ދަށްވެފަ އެވެ. އަދި މިހާރު ވެސް ދަނީ ދަށްވަމުންނެވެ.
ހަނގުރާމަ ފެށުނު އިރު ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް ވުރެ ވެސް މައްޗަށް ދިޔަ އެވެ.