އޭލެވެލް ކިޔަވާ ކުދިންގެ އަދަދު 48 ޕަސެންޓަށް އިތުރު ކުރެވިފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.

މަތީ އަރުތަވެރިންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި، މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔަ އެޑިޔުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމަންޓް މިނިސްޓަރު ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން އޭލެވެލް އަށް ކިޔަވަނީ އެންމެ 34 ޕަސެންޓު ދަރިވަރުން ކަމަށެވެ.

މިހާރު އެ އަދަދު 48 ޕަސެންޓަށް އިތުރު ކުރެވިފައިވާކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވީ 2028 ވަނަ އަހަރާ ހަމައަށް މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 65 ޕަސެންޓަށް އިތުރުކުރެވޭނެ ކަމަށެވެ.

އޭލެވެލް އާއި އޯލެވެލް އިން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ހަފުލާގައިރައީސް މުއިއްޒު އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ:ރައީސް އޮފީސް
އޭލެވެލް އާއި އޯލެވެލް އިން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ހަފުލާގައިރައީސް މުއިއްޒު އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ:ރައީސް އޮފީސް

އެ އަދަދަށް އިތުރުކުރާނީ ވޮކޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިން މި އޮތީ 100 ކުދިން އޯލެވެލްގައި ތިބިއްޔާ އޭގެ ތިންބައިކޮށްފައި އެއްބައި ކުދިންނަށް އޭލެވެލްއަށް ދެވޭ ގޮތަށް. ނަމަވެސް ސިޔާސަތަށް ގެނައި ބަދަލާއެކު 48 އިންސައްތައަށް ދަރިވަރުންގެ އަދަދު އިތުރު ކުރެވިއްޖެ، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" އިސްމާއިލް ވިދާޅުވި އެވެ.

ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުދިންނަށް ދޭން، ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލް އިސްލާހުކުރީ މިދިޔަ އަހަރު އެވެ.

އޭ ލެވެލް އަށް ވަދެވޭނެ ތިން ގޮތެއް ކަނޑައަޅާފައި ވާއިރު އެއީ އެކަޑަމިކް ސްޓްރީމާއި ސްކޫލުގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިޔުކޭޝަނާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމު ގޮތަށެވެ.