ސިނަމާލެ ބްރިޖުމަތިން ދުއްވާފައި ދަމުން ވިއްސާރަކޯޓު ލުމަށް ސައިކަލު މަޑު ނުކުރަން ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ހައިވޭގައި ހުންނަ ޓްރެފިކް ލައިޓު ކައިރީގައި ގިނަ ބަޔަކު ސައިކަލު މަޑުކޮށްގެން ތިބެ ވިއްސާރަ ކޯޓުލާ ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ، ވިއްސާރަ ކޯޓު ލުމަށް ނުވަތަ ފޯނު ނެގުމަށް ހައިވޭގައި މަޑުކުރުމުން ނުރައްކާތެރި އެކްސިޑެންޓުތައް މީގެ ކުރިން ހިނގާފައިވާ ކަމަށެވެ.
އެންމެންގެ ރައްކާތެރިކަމަށް ހައިވޭގައި އެގޮތަށް ސައިކަލު މަޑު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. ވިއްސާރަ ދުވަސްތަކުގައި ބްރިޖު މަތީގައި އެކްސިޑެންޓުތައް ގިނައިރު މީގެ ކުރިން އުދަ އަރައިގެން ވެސް ތަފާތު ހާދިސާތައް ހިނގާފައިވެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ކުރާ ވިއްސާރާގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.