މާލޭ ދެކުނު ހާބަރު ސަރަހައްދުގައިވާ ފުޑްކޯޓްތައް ހުސްކުރަން ނޯޓިސް ދީފި އެވެ.

އެނގިފައިވާ ގޮތުގައި މިތަން ހުސްކުރަނީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން އެ ބަނދަރުގެ އެކި ބޭނުންތަކަށް އެ ސަރަހައްދު ބޭނުންކުރަންޖެހޭނެތީ އެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް އަދި ތިލަމާލެ ބްރިޖް ބޭނުންކުރަން ފަށާއިރު އެ ސަރަހައްދުގައި ބައެއް ވަސީލަތްތައް ގާއިމުކުރާނެ ކަމަށް ވަނީ އެނގިފަ އެވެ. 

ނަމަވެސް މިކަމާ ބެހޭ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

 ފުޑްކޯޓް ޔުނިޓުތައް ބަލަހައްޓާ އެސްޓީއޯ އިން މިހާރު ވަނީ އެ ތަންތަން ހުސްކުރުމަށް ނޯޓިސް ފޮނުވައިފަ އެވެ. އެތަނުގައި ކެފޭ ހިންގާ ބައެއް މީހުން ބުނި ގޮތުގައި ދީފައިވަނީ ތިން މަސް ދުވަހުގެ ނޯޓިސް އެވެ. ނަމަވެސް މިއީ އެންމެންނަށް ދިން މުއްދަތު ކަމެއް ޔަގީނެއް ނޫނެވެ. 

އެސްޓީއޯއިން ޔުނިޓުތައް ހިންގާ ފަރާތްތަކަށް ފޮނުވި ލިޔުމުގައިވާ ގޮތުގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހެ އެވެ. 

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހެދި ތިން ސައިޒެއްގެ ކެފޭތައް ހިމެނޭ ފުޑްކޯޓް ރަސްމީކޮށް ހުޅުވީ ޖުލައި 23، 2018 ގަ އެވެ.  އެތަނުގައި ހެދި 26 ފުޑްކޯޓްގެ ތެރޭގައި 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ތަންތަން ހިމެނެ އެވެ. 

އެތަން ތަރައްގީކުުރުމުގެ ކުރިން ވެސް އެއީ ކެފޭތައް ހިންގަމުން ދިޔަ ތަނެކެވެ. ނަމަވެސް އޭރު އެއީ ވަރަށް އާދައިގެ ގޮތަކަށް ސާފުތާހިރުކަން ކުޑަކޮށް އޮތް ސަރަހައްދެކެވެ.