ސިނަމާލޭ ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު، މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާ ފެނުނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވާ އެވެ. އެ މީހާ، އެމްއެންޑީއެފް ކޯސްޓްގާޑް ހާބަ ކްރާފްޓަށް ނެގުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެެވެ.