އިސްލާމިކް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް އެ ތަންތަނުގެ ހާލަތު ރަނގަޅު ކޮށްދިނުމަށް އުރީދޫން އެހީވަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުންނެވެ.
މިނިސްޓްރީން ބުނީ އެއީ ދީނީ އިމާރާތްތަކާއި ވަސީލަތްތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
"އުރީދޫ މަސްޖިދުނާ"ގެ ދަށުން ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ އެހީވާނެ އެވެ. އަދި މަރާމާތުގެ މަސައްކަތްތައް ނިންމާނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ ކުރިން ކަމަށް މިނިސްޓްރީން ބުންޏެވެެ.
މިނިސްޓްރީން ބުނި ގޮތުގައި "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވްއަކީ ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްގީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތެކެވެ. އެ ގުޅުމުގެ ދަށުން މިނިސްޓްރީ އާއި އުރީދޫގެ އަމާޒަކީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.