މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. ނޮޅިވަރަންފަރާއި، އުތުރުގެ ބައެއް ރަށްރަށް ގެއްލުންވެއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރެއިން ފެށިގެން ހުއްޓުމެއްނެތި ވެހެމުންދާ ވާރޭގެ ސަބަބުން ނޮޅިވަރަންފަރުގެ 95 ޕަސެންޓް ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ.
އެ ގޭގޭގައި ހިފާގެންގުޅޭ ސާމާނަށް ގެއްލުން ލިބިފައިވާއިރު، ހާލުގައި ޖެހުނު ބައެއް އާއިލާތައް މިހާރު އެހެން ގެތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.
ރަށު ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ފަސް ސަރަހައްދަކުން ކޯރު ކަނޑައި ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދިވެސް ފެންގަނޑު ހިންދިފައި ނުވާ ކަމަށާއި އެ ހާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން، ސިފައިންގެ އެހީތެރިކަމަށް ވެސް އެދިފައިވާ ކަމަށް ބުންޏެވެ.
ނޮޅިވަރަންފަރުގެ އިތުރުން އުތުރުގެ އެހެން ބައެއް ރަށްރަށަށްވެސް މި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
އެގޮތުން ރެއިން ފެށިގެން ކުޅުދުއްފުއްޓަށް ބޯކޮށް ވެހުނު ވާރޭގައި ފެންބޮޑުވެގެން މިހާތަނަށް 190 އަށްވުރެ ގިނަ ގެއަކުން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެ ރަށު ކައުންސިލާއި ފުލުހުންނާއި އެމްއެންޑީއެފް އަދި ރެޑް ކްރެސެންޓް ގުޅިގެން ފެން ހިންދުމާއި ގެތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އޭގެ އިތުރުން ޅ. ނައިފަރުގެ ދެ ގެއަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާއިރު، އެ ރަށުގައި ވެސް ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ.
އެންޑީއެމްއޭއިން ބުނީ ވިއްސާރައިގެ ސަބަބުން އަސަރުކޮށްފައިވާ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.