ގއ. ކޮލަމާފުއްޓަށް މިއަދު ބޯކޮށް ވާރޭވެހި އެ ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މި ވިއްސާރައިގެ ސަބަބުން ރަށުން ކަރަންޓުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފަ އެވެ.
ފެންބޮޑުވުމާ ގުޅިގެން ރަށު ކައުންސިލާއި އާންމު ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް މިހާރު އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
އެގޮތުން، ރަށުގެ ބަނދަރު ކައިރިން ހައި މާކު ބޭނުންކޮށްގެން، ކޯރެއް ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.
އެންޑީއެމްއޭއިން ބުނީ، މި ހާދިސާއާ ގުޅިގެން އެ ރަށު ރައްޔިތުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ޓީމެއް އަންނަނީ އެ ރަށަށް ދަތުރުކުރަމުން ކަމަށެވެ.
ސިފައިންގެ ޓީމު ކޮލަމާފުއްޓަށް ދަތުރުކުރަނީ ފެން ހިންދުމުގައި ބޭނުންކުރާ ޕަންޕުތަކާއި ގެތަކަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި ހިފައިގެން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ނަމަވެސް، ފެންބޮޑުވުމުގެ މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ ދެކުނާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރަމުންދާއިރު، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.