ސިފައިންނާއި ފުލުހުންނަށް ހިދުމަތުގެ މުއްދަތުގައި ބޯހިޔާވަހިކަން ހަމަޖައްސައިދޭން ބަނޑޭރިކޮށި 1 އާއި 2 އަލުން ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް އެ ތަންތަން ހުސްކުރުމުގެ ކުރިން މި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށް، މި ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި، ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންނާއި ފުލުހުންނަކީ އާއިލާއާ ދުރުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބަޔަކަށް ވުމާ އެކު، ސިފައިންނަށް ދޭ އިނާޔަތްތަކާއި ފޯރުކޮށްދޭ ވެލްފެއާގެ ހިދުމަތްތައް ރަނގަޅުކޮށް ތަރައްގީކުރުމުގެ މަސައްކަތަކީ، ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށެވެ.
ސިފައިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް މި އަހަރުގެ ސިފައިންގެ ދުވަހު ރައީސް މުއިއްޒު ވަނީ އިއުލާނުކުރައްވައިފަ އެވެ.
ސިފައިންގެ 134 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމަށާއި އެއީ ދިވެއްސަކަށްވީތީ ލިބެންޖެހޭ އެންމެ އަސާސީ ހައްގު ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ބަނޑޭރިކޮށި ހިމެނޭ ސަރަހައްދުގައި ވަރަށް އަވަހަށް ހައުސިން މަޝްރޫއުއެއް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ބަޔާނެއްގައި ބުނީ ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްގީކޮށް، ވީހާ ވެސް ގިނަ ސިފައިންނަށާއި ފުލުހުންނަށް، ހިދުމަތުގެ މުއްދަތުގައި، ބޯހިޔާވަހިކަން ލިބިދެވޭނެގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، މިކަން ކުރުމުގައި މި ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށްޓަކައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ." ބަޔާނުގައިވެ އެވެ.
ފުރަތަމަ ތަރައްގީކުރުމަށް ކަނޑައަޅާފައިވަނީ ބަނޑޭރިކޮށި 1 ކަމަށާއި އެހެންވެ، އެތަނުން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދީފައިވާ އެޕާޓްމެންޓްތައް ހުސްކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ބަޔާނުގައިވެ އެވެ. އެހެންވެ އެ ފަރާތްތަކަށް މި މަޝްރޫއު ރޭވިފައިވާގޮތުގެ މައުލޫމާތު ހިއްސާކޮށް، ކަންބޮޑުވުންތައް އަޑުއަހައި، ހައްލުތައް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށް ބުންޏެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަން ރާވާފައިވަނީ ބަނޑޭރިކޮށި 1 ތަރައްގީކުރެވުމާ އެކު، މިހާރު ބަނޑޭރިކޮށި 1 ގައި ދިރިއުޅެމުން ދާ މީހުން، އަލަށް ތަރައްގީކުރާ އެޕާޓްމަންޓްތަކަށް ބަދަލުކުރާ ގޮތަށެވެ.
"މި މަޝްރޫއު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ހިދުމަތުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ" ކަމަށް ބުނެފައިވެ އެވެ.