ހޯމް-ސްކޫލިން ތައާރަފްކުރަން ގާނޫނަށް ބަދަލު ގެންނަނީ ކުރީގެ ރައީސް މުަހައްމަދު ނަޝީދު ސިފަކުރައްވާ ފަދަ ކަންތައްތަކަށް މަގުފަހިވާ ގޮތަށް ނޫން ކަމަށާއި އެއީ ސްކޫލެއްގައި ރަޖިސްޓްރީނުކޮށް ދޫކޮށްލާ ގޮތަށް ތައާރަފްކުރާ އުސޫލެއް ނޫން ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް މިއަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަމެއް ނުވަަތަ ހާއްސަ ހާލަތެއްގެ ސަަބަބުން ސްކޫލަށް ހާޒިރުވާން އުޒުރުވެރިވާ ދަރިވަރުން ގޭގައި ބައިތިއްބައިގެން ކިޔަވައިދޭން ހޯމް-ސްކޫލިން ތައަރަފްކުރުން ހިމެނޭހެން ބައެއް ބަދަލުތައް ގެންނަން ތައުލީމުގެ ގާނޫނަށް ސަަރުކާރުން ހުުށަހަޅާފައިވާ ބިލަށް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެއީ "ޖާރިޔާ ބިލް"ގެ ގޮތުގައި ސިފަކުރައްވައި އެ މަނިކުފާނު ތުހުމަތުކުރެއްވީ އެއީ އަންހެންކުދިން ސްކޫލަށް ނުފޮނުވުމުގެ "ހީލަތްތެރި ވިސްނުމެއް" ކަމަށެވެ.
ނަޝީދުގެ އެ ތުހުމަތަށް ރައްދުދެއްވައި ހުސްނީ ވިދާޅުވީ ހޯމްސްކޫލީންގެ މާނައަކީ ސްކޫލެއްގައި ރަޖިސްޓްރީނުކޮށް، ނިޒާމުގެ ތެރެއިން ނުބެލެހެއްޓޭ ގޮތަށް ކުދިން ދޫކޮށްލުން ނޫން ކަމަށާއި ބިލުގައި އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ސްކޫލެއްގެ ބެލުމުގެ ދަށުން ދަރިވަރުން ގޭގައި ބައިތިއްބައިގެން ކިޔަވައިދޭނެ އުސޫލުތައް، ކުރީގެ ސަރުކާރުން ވެސް ގަވައިދެއްގެ ގޮތުގައި ގެޒެޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ [މި ބިލު ހުށަހެޅީ] ޖާރިޔާއިންނަށް ފުރުސަތު ފަހިކުރުމަށޭ، މިއީ އިސްލާމްދީނުގެ އަސާސްތަކާ ހިލާފުވާ ގޮތަށް އަންހެންދަރިން ތައުލީމުން މަހުރޫމްކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ތަސައްވަރުކޮށްދޭން މަސައްކަތްކުރާ ކުރުން އަޅުގަނޑު ހަމަ ކުށްވެރިކުރަން. މިގޮތަށް ހޯމްސްކޫލިންގެ ފުރުސަތު ފަހިކޮށްދިނުމަކީ އެއްވެސް ހާލެއްގައި އަންހެންދަރިން މިގައުމުގައި ތައުލީމުން އެކަހެރިކޮށްފައި އެކުދިން ގޭގައި ބައިތިއްބައިގެން އެކުދިންނަށް ތައުލީމު ދިނުމަށް، އެކުދިން ވަކި ގޮތަކަށް ތަރުބިއްޔަތު ކުރުމަށް ފުރުސަތު ދިނުމެއް ނޫން،" ހުސްނީ ވިދާޅުވި އެވެ.
ގޭގައި ބައިތިއްބައިގެން ކިޔަވައިދީގެން ހަރުކަށި ފިކުރަށް ކުދިން ވައްދާނެ ކަމަށް ގަބޫލުކުރާ ނަމަ، އެއީ ލާދީނިއްޔަތަށް ގެންދަން އެކަމުން މަގުފަހިވާނެ ކަމަށް ގަބޫލުނުކުރަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޭގައި ބައިތިއްބައިގެން ކިޔަވައިދޭ ދަރިވަރުން އެފަދަ އެއްވެސް ފިކުރަަކަށް ނުގެންދެވޭނެކަން ކަށަވަރުކުރަން އަޅާނެ ފިޔަވަޅުތައް ގާނޫނުގައި ބަޔާންކުރާނެ އެވެ. އެފަދަ އިތުރު ފިޔަވަޅުތައް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ވެސް ބަޔާންކުރެވޭނެ ކަމަށާއި އެހެންވީމާ އެއީ ހަރުކަށި ފިކުރަށް ފުރުސަތު ދޭ ބަދަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތައުލީމުގެ ގާނޫނަށް ގެންނަން ހުށަހެޅި ބަދަލަކީ ހޯމް ސްކޫލިންގެ ގަވާއިދު ގާނޫނުގައި ބަޔާންކޮށް، އޭގެ ނާޖާއިޒް ފައިދާ ނުނެގޭނެ ފަދަ ގޮތަކަށް އެކަން ކުރިއަށްގެންދިއުން ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް މިދިޔަ ހުކުރުދުވަހު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގާނޫނުގައި ހޯމް ސްކޫލިން ހިމެނުމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދުނުމުގެ ކަންކަން ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެކެވެ. އަދި މިކުރެވޭ މަސައްކަތަކީ ހޯމް ސްކޫލިންގެ ގަވާއިދު ގާނޫނުގައި ބަޔާން ކުރުން ކަމަށް ވިދާޅުވި އެވެ.
ހޯމް ސްކޫލިން އަށް ފުރުސަތުދޭނީ އެސެސްމަންޓް ހެދުމަށް ފަހު ކަމަށާއި އެ ފުރުސަތު ދޭނީ އެކަމަށް އެދޭ، މީހުންގެ ތެރެއިން ކަނޑައަޅާ ހާއްސަ ޝަރުތުތަކެއް ވަޒަންކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ވަނީ "ހޯމް ސްކޫލިން" ތައާރަފްކުރަން ތައުލީމުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
މިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ހަދާފައިވާ، "ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު" ގައިވާ ގޮތުގެ މަތިން ވެސް ރާއްޖޭގައި ހޯމް ބޭސްޑް ލާނިން ފުރުސަތު އޮވެ އެވެ.