އައްޑޫ ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މިރޭ 8:00 އާ ހަމައަށް ނެރުނު އެލާޓްގައިވާ ގޮތުން އައްޑޫ ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެކަމަށް ލަފާ ކުރެވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ލަފަކުރެ އެވެ.
ބުދަދުވަހާ ހަމައަށް، ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން އިއްޔެ ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން އާއްމުކުރި ސެޓެލައިޓް ފޮޓޯއަކުން ފެންނަ ގޮތުގައި ރާއްޖެ ސަރަހަައްދު މިހާރު ވެސް އޮތީ ބޯ ވިލާތަކުން ފުރިފަ އެވެ.
މެޓުން މިގޮތަށް ލަފާ ކުރިއިރު ހުކުރުދުވަހު ވެސް ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކުގައި ފެންބޮޑުވި އެވެ. އޭގެ ތެރެއިން އެއް ރަށަކީ ގއ. ކޮލަމާފުށްޓެވެ. ހުކުރުދުވަހުގެ ރޭ އެ ރަށުގައި ފެންބޮޑުވެ ބައެއް ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވި އެވެ.
ވިއްސާރައިގެ ސަބަބުން އެ ރަށުން ކަރަންޓުގެ ހިދުމަތް ވެސް މެދުކެނޑުނެވެ.
އިއްޔެ ކުރި ވިއްސާރާގައި ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ގެތަކަށް އެކިވަރުގެ ގެއްލުން ލިބި މީހަކަށް ވެސް އަނިޔާވި އެވެ.
މެޓްގެ އޮފިޝަލަކު ހުކުރު ދުވަހު ވިދާޅުވީ، ވަޔާއި ކަނޑު އެވްރެޖު ގޮތެއްގައި މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަންނަ އަންގާރަ ދުވަހުން ފެށިގެން ވަޔާއި ކަނޑުތައް ގަދަވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.