ވިލުފުށީ ކައުންސިލްގެ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ކޯޓުން ބާތިލްކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތ. ވިލުފުށީ ކައުންސިލަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށްވާ ހުސައިން ޖަބީން ގޭ ބަންދު ކުރަން ހުކުމް ކޮށްފައިވާތީ، އޭނާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.


މިހާރު އޮތް ވިލުފުށީ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވަނިކޮށް، ޖަބީންގެ މައްޗަށް ހަ މަހުގެ ގޭ ބަންދުގެ ހުކުމެއް ވިލުފުށީ ކޯޓުން އިއްވީ އެމްއާރުޑީސީން އެ ރަށުގައި މަޝްރޫއެއް ހިންގުމަށް ޖަހާފައިވާ ދަގަނޑެއް 2015 ގައި އޭނާ ނައްޓާލައި، އެއްލައިލި މައްސަލާގައި ކުރި ދައުވާ ސާބިތުވުމުންނެވެ. އެ ހުކުމާ އެކު ކައުންސިލަރު ކަމުން ވެސް ޖަބީން ވަނީ ވަކިވެފަ އެވެ.

އަންނަ މަހު ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޖަބީނަށް ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރީ ގޭ ބަންދުގެ އެ ހުކުމާ ގުޅިގެން އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ކޯޓަށް ހުށަހެޅުމުންނެވެ.

ލާމަރުކަޒީ ގާނޫނު ބުނާގޮތުން ޖިނާއީ ހުކުމެއް ތަންފީޒު ކުރަން ފަށައިފި ނަމަ، ކައުންސިލަރު ކަމުން ވަކިވާނެ އެވެ. އަދި އެފަދަ ހުކުމެއް އައިސްފި ނަމަ ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތެއް ވެސް އުނިވީ އެވެ.

ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ވެސް މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްވީ އެހެން ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވުމުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިންތިޚާބަށް ނިކުމެފައިވާތީ އެވެ. ގާނޫނު ބުނާގޮތުން ޕްރައިމަރީއަކުން ބަލިވެއްޖެ ނަމަ އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިޚާބެއްގައި އެ މީހަކަށް ވާދައެއް ނުކުރެވޭނެ އެވެ.