ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ރައީސް މުއިއްޒަށް ލަފާ އަރުވަން ޖޭއެސްސީން ނިންމިކަން އެ ކޮމިޝަންގެ މެމްބަރަކު ކަށަވަރު ކޮށްދެއްވި އެވެ.

ނަމަވެސް ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހަށް ރައީސްގެ ފަރާތްޕުޅުން އެ ނަން ފޮނުއްވުމަށް ފަހު މަޖިލީހުން ފާސްކޮށްގެންނެވެ. 

ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވި އެވެ. 

ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު އަދާކުރެއްވި އެވެ.