ތ. ދިޔަމިގިލި ސްކޫލްގެ ތިން ބުރީގެ އިމާރާތުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް އެމްއެންޑީއެފްގެ ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ) އާ ހަވާލުކުރިތާ އަށް މަސް ދުވަސްތެރޭ ހުރިހާ މަސައްކަތެއް ނިންމައިފި އެވެ.  

މި 10 ކްލާސްރޫމް ހިމެނޭ އިމާރާތުގެ މަސައްކަތް ސިފައިން ފެށީ މިދިޔަ މާޗް 31 ވަނަ ދުވަހު އެވެ. މަސައްކަތް އަވަހަށް ނިންމުމުގެ ގޮތުން އެތަން ސިފައިންނާ ހަވާލުކުރި އިރު އެ ތަނުގެ ނިމިފައި ހުރީ 30 ޕަސެންޓު މަސައްކަތް ކަމަށް ކުރިން ބުނެފައިވެ އެވެ.

އެ އިމާރާތުގެ މަސައްކަތް އިއްޔެ އެއްކޮށް ނިންމާލުމަށް ފަހު އެމްއެންޑީއެފުން މިއަދު ބުނީ 235 ދުވަހުގެ ތެރޭގައި އެ އިމާރާތް ނިންމީ ސިފައިން ވަރަށް ގިނަ މަސައްކަތް ކޮށްގެން ކަމަށެވެ.

އެމްއެންޑީއެފުން ހަވާލުވިއިރު ދިޔަމިމިގިލި ސްކޫލް އިމާރާތުގެ މަސައްކަތް ހުރި ހިސާބު-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ހަވާލުވިއިރު ދިޔަމިމިގިލި ސްކޫލް އިމާރާތުގެ މަސައްކަތް ހުރި ހިސާބު-- ފޮޓޯ: އެމްއެންޑީއެފް

ސިފައިން ބުނި ގޮތުގައި މަސައްކަތް ފެށީ ކުރިން ނިންމާފައި ހުރި އިމާރާތުގެ ސްޓްރަކްޗާއަށް ވެފައި ހުރި ގެއްލުންތައް އަލުން މަރާމާތުކޮށް، އިތުރު ކޮލަމްތައް ޖަހައި ސްރަކްޗާ ވަރުގަދަކުރުމަށް ފަހުގަ އެވެ.

އިމާރާތުގެ ކޮންކްރީޓް މަސައްކަތާއި ރޭނުމާއި ސިމެންތި ޖެހުމާއި ކުލަ އާއި ދަވާދު ލުމާއި ފުރާޅުގެ މަސައްކަތްތަކާއި ކްލާސްރޫމްތަކާއި، ފާހާނާތައް ހެދުމާއި ސިޑިގޮޅި ސީލިންގުކޮށް އަދި މުށި ޖެހުމުގެ އިތުރުން ވެސް ހުރިހާ މަސައްކަތެއް ކުރީ ސިފައިންނެވެ. 

މި ކަންކަމުގެ އިތުރުން ސިފައިން ވަނީ ކަރަންޓާއި ފެން ވަޔަރިން އާއި އަލިފާން ނިއްވާ ނިޒާމު ގާއިމުކުރުން ފަދަ ކަންކަމާއި ނަން ބޯޑުތައް ހަރުކުރުން ފަދަ އެންމެ ކުދި މަސައްކަތްތައް ވެސް ފުރިހަމަ ކޮށްފަ އެވެ.

ދިޔަމިގިލީގައި އިމާރާތްކުރި ސްކޫލުގައި ސިފައިން މަސައްކަތްކުރަމުން ދިޔައިރު ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވަޑައިގެން މަސައްކަތް ބައްލަވާލައްވަނީ.
ދިޔަމިގިލީގައި އިމާރާތްކުރި ސްކޫލުގައި ސިފައިން މަސައްކަތްކުރަމުން ދިޔައިރު ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވަޑައިގެން މަސައްކަތް ބައްލަވާލައްވަނީ.

އެމްއެންޑީއެފުން ބުނީ މަސައްކަތްތައް ފަށައިގެން ނިމުމާ ހަމައަށް ވެސް އެ ރަށު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ. ބައެއް މަސައްކަތްތަކުގައި ސިފައިންނާ އެކު އަމަލީގޮތުން މަސައްކަތުގައި ބައިވެރިވުމާއި، ސިފައިންނަށް އެކިއެކިގޮތްގޮތުން އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

އެ މަސައްކަތުގައި މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއަސް (އެމްއީ)ގެ ވޮރަންޓް އޮފިސަރު 2 ޖައުފަރު މުހައްމަދެވެ. އަދި އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ)ގެ ފަސްޓް ސާޖަންޓް އަހުމަދު ހާލިދެވެ.

އެމްއެންޑީއެފުން ދިޔަމިގިލި ސްކޫލް އިމާރާތުގެ މަސައްކަތް ނިންމާފައި. -- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ދިޔަމިގިލި ސްކޫލް އިމާރާތުގެ މަސައްކަތް ނިންމާފައި. -- ފޮޓޯ: އެމްއެންޑީއެފް

އެ މަސައްކަތް ފުރިހަމަކޮށް ނިންމުމުގައި އެމްއެންޑީއެފް ސާވިސް ކޯގެ ސިފައިންނަށް އެ ކޯގެ ސިގްނަލްސް އާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ)ގެ ސިފައިންގެ ޓެކްނިކަލް އެހީތެރިކަމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.