އިންޑިއާއާ އެކު އޮތް ގުޅުމުގެ އަގު ރާއްޖެއިން ވަޒަންކުރާ ކަމަށާއި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ" ދެ ގައުމު ގުޅިގެން ހާސިލުކުރެވިދާނެ ކާމިޔާބީގެ ނަމޫނާއެއް ކަމަށް ފޮރިން މިނިސްޓަރު އިރްތިޝާމް އާދަމް އިއްޔެ ވިދާޅުވެއްޖެ އެވެ. 

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މާލެއިން ފެށިގެން ވިލިމާލެ އާއި ގުޅީފަޅާ އެކު ތިލަފުށްޓާ ހަމައަށް ބްރިޖަކުން ގުޅާލަން ހިންގާ ޕްރޮޖެކްޓެކެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ އެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރެއްވުމަށް ފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މޯދީއަކީ އިންޑިއާގެ "އިހުލާސްތެރި ރަހުމަތްތެރިއެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން މޯދީއަށް ދެންނެވި ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި އޮތީ އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމާއި އިތުބާރުކުރާ އަވަށްޓެރިކަމުގެ ގުޅުމެއް ކަމަށް ވެސް އިރުތިޝާމް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ އިއްޔެ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ އިއްޔެ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާއިން ރާއްޖެއާ އެކު ދަމަހައްޓަމުން އަންނަ ޒަމާންވީ އެކުވެރިކަމާއި މަދަދުވެރިކަމާއި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން އަމިއްލަފުޅު ހައިސިއްޔަތުން މޯދީ ކުރައްވާ މަަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

"އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމްކުރާ އަދި ސިޔާދަތީ ގޮތުން ހަމަަހަމަ ދެ ގައުމުގެ ގޮތުގައި އަޅުގަނޑުމެންނާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ އަޅުގަނޑުމެންނަށް އެކުގައި ހާސިލު ކުރެވިދާނެ ކަންތައްތަކުގެ މިސާލެއް،" އިރުތިޝާމް ވިދާޅުވި އެވެ.

"އަދި އެއީ ރައްޔިތުންނަށް ހަގީގީ ފައިދާ ލިބިދޭން މަސައްކަތްޕުޅު ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުމް ކަނޑައަޅުއްވައިގެން ހުންނެވިކަން ދައްކައިދޭ ކަމެއް."

އިރުތިޝާމް، މޯދީއާ ބައްދަލުކުރެއްވީ އިންޑިއަަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ)ގެ މެންބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި ވަފުދުތަކުގެ ވެރިން މޯދީ އަރިހަށް ކުރެއްވި ޒިޔާރަތެއްގަ އެވެ. 

އެއީ އައިއޯއާރްއޭގެ މެންބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުން އިންޑިއާއަށް ވަޑައިގަތީ އެ ޖަމާއަތުގެ ކައުންސިލް އޮފް މިނިސްޓާސް ބައްދަލުވުމަށެވެ. އެ ބައްދަލުވުން ބޭއްވީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ބައްދަލުވުން ފެށުމުގެ ކުރިން އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރާ ވެސް އިރްތިޝާމް ބައްދަލުކުރެއްވި އެވެ.