އިދިކޮޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުކުރަން ހުކުރުދުވަހު ނެގި ވޯޓުގެ ޖުމްލަ ވަގުތީ ނަތީޖާ އިއުލާނު ކުރުން ލަސްވާތީ ބައެއް ކެންޑިޑޭޓުންނާއި ސަޕޯޓަރުން ސޯޝަލް މީޑިއާގައި ކުރި ޝަކުވާތަކަށް އިންތިހާބު ކޮމިޓީގެ މުގައްރިރު އަދި އެޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބްރޭ) ރައްދު ދެއްވައިފި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާތައް އިންތިހާބު ބޭއްވި މަރުކަޒުތަކުގައި އިއުލާނުކޮށްފައިވާ ކަމަށެވެ.
"ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް އިންތިހާބު ބޭއްވުނު މަރުކަޒުތަކުގައި އިއުލާން ކުރެވިފައިވާނެ. ނަތީޖާ ޝީޓްތައް ޗެކްކުރުމަށްފަހު ޕާޓީގެ ވެބްސައިޓްގައި އާއްމު ކުރުމުގެ މަސައްކަތް ކުރަމުންދަނީ. މަސައްކަތް ކުރަމުން މިދަނީ މިރެއަށް ނިންމޭތޯ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރޭ ވިދާޅުވި އެވެ.
އެ އިންތިހާބުގެ ވަގުތީ ޖުމްލަ ނަތީޖާ އިއުލާނުކުރުން ލަސްވާތީ ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކުރި ބައެއް މީހުން ބުނީ ވޯޓުލީތާ 40 ގަޑިއިރު ވީ އިރު ވަގުތީ ނަތީޖާ އިއުލާ ނުކުރެވި އޮތުމަކީ ދެރަކަމެއް ކަމަށެވެ. އެއީ އިންތިހާބަށް އެކުލަވާލި ތާވަލުގައިވާ ގޮތުން، ހުކުރު ދުވަހު ވާން ޖެހޭ ކަމެއް ކަން ނުރުހުން ފާޅުކުރި ބައެއް މީހުން ފާހަގަކުރި އެވެ.
"ގައުމީ މަޖިލިސް އިންތިހާބު ނިމި، 40 ގަޑިއިރު ވި އިރު ވަގުތީ ނަތީޖާ އިއުލާނު ނުކުރެވި އޮތުމަކީ ވަރަށް ދެރަ ކަމެއް. ތާވަލުގައި ވާގޮތުން، 27 ނޮވެމްބަރުގައި ވާން ޖެހޭ ކަމެއް،" އެމްޑީޕީގެ އިންިތހާބުގައި ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރެއްވި އަަރްޝަމް އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ބައެއް މީހުން ސިފަކުރި ގޮތުގައި އެމްޑީޕީން މިފަހަރު ބޭއްވި އިންތިހާބަކީ "ފެންވަރު ދަށްކޮށް އިންތިޒާމްކުރި" އިންތިހާބެކެވެ. މިގޮތުން، ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުން ނެތުމާއި، ވޯޓު ކަރުދާސް މަދުވުމުގެ ޝަކުވާތައް އިންތިހާބު އޮތް ދުވަހުވެސް ބައެއް މީހުން ހިއްސާކޮށްފަ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މުޅި މާލެއިން އިންތިހާބުކުރި 16 މެންބަރުންނަށް ވޯޓު ދިން ގޮތާއި ނަތީޖާ ޝީޓާ ދިމާނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު އިއްޔެ ތުހުމަތު ކުރެއްވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާ އިން، މުޅި މާލެއިން 16 ގޮނޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓްގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަ ޖެހި ގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓު އިތުރަށް ޖަހާފައި ހުރި ކަމަށް ބެލެވޭ ކަމަށް ވެސް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ.
ޝަމްހީދުގެ އިތުރުން އެމްޑީޕީގެ އެހެން ބައެއް މީހުން ވެސް ބައެއް ނަތީޖާތަކާ މެދު ސުވާލު އުފައްދާފައިވެ އެވެ.