އިދިކޮޅު އެމްޑީޕީން  މިދިޔަ ހުކުރު ދުވަހު ބޭއްވި އެތެރޭގެ އިންތިހާބުގެ ސައްހަކަމާ މެދު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވެސް މިރޭ ސުވާލު އުފައްދަވައިފި އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަކުރައްވައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ސީނިއާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމުގެ ހައްގަކީ އެ ޕާޓީ އުފެއްދި އިރު ވެސް އެންމެ ހަރު އަޑުން އެކަމަކަށް ގޮވާލި ހައްގު ކަމަށެވެ. އެކަމަކު އެކަން ބަދަލުވެ، މިއަދު އޮތީ "މުޅިން އެހެން ތަސްވީރެއް" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"...މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމުގެ ހައްގަކީ އެމްޑީޕީިއިން އެ ޕާޓީ އުފެދުމުގައި ވެސް އެންމެ ހަރު އަޑުން ގޮވި އެއް ގޮވެލި، އެހެނަސް މިއަދުގެ ކުރެހުންތައް މަންޒަރު ކޮށްދެނީ މުޅިން އެހެން ތަސްވީރެއް،" އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައި އަސްލަމް ވިދާޅުވި އެވެ.

އޭނާ މި މޭރުމުން ޕޯސްޓެއް ކުރެއްވި އިރު އެ އިންތިހާބުގެ ވަގުތީ ޖުމްލަ ނަތީޖާ އިއުލާން ކުރުން ލަސްވެގެން ބައެއް އެހެން ކެންޑިޑޭޓުންނާއި ސަޕޯޓަރުން ވެސް މިއަދު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި އެވެ. އަދި އެ އިންތިހާބުގައި ވޯޓު އޮޅުވާލައި، މަކަރު ހަދާފައިވާ ކަމުގެ ތުހުމަތު ވެސް ބައެއް ކެންޑިޑޭޓުން ގެންދަވަނީ ފާޅުގައި ކުރައްވަމުންނެވެ. 

އިންތިހާބުގެ ވަގުތީ ޖުމްލަ ނަތީޖާ އިއުލާން ކުރުން ލަސްވާތީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ބައެއް މީހުން ބުނީ ވޯޓުލީތާ 40 ގަޑިއިރު ވީއިރު އެ ނަތީޖާ އިއުލާ ނުކުރެވި އޮތުމަކީ ދެރަކަމެއް ކަމަށެވެ.  އެއީ އިންތިހާބަށް އެކުލަވައިލި ތާވަލުގައިވާ ގޮތުން، ހުކުރު ދުވަހު ވާން ޖެހޭ ކަމެއް ކަން ނުރުހުން ފާޅުކުރި ބައެއް މީހުން ފާހަގަކުރި އެވެ.

"ގައުމީ މަޖިލިސް އިންތިހާބު ނިމި 40 ގަޑިއިރު ވި އިރު ވަގުތީ ނަތީޖާ އިއުލާން ނުކުރެވި އޮތުމަކީ ވަރަށް ދެރަ ކަމެއް. ތާވަލުގައި ވާގޮތުން، 27 ނޮވެމްބަރުގައި ވާން ޖެހޭ ކަމެއް،" އެމްޑީޕީގެ އިންިތހާބުގައި ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރެއްވި އަަރްޝަމް އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ނުރުހުން ފާޅުކުރި ބައެއް މީހުން ސިފަކުރި ގޮތުގައި އެމްޑީޕީން މި ފަހަރު ބޭއްވީ "ފެންވަރު ދަށްކޮށް އިންތިޒާމްކުރި" އިންތިހާބެކެވެ. މިގޮތުން، ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުން ނެތުމާއި ވޯޓު ކަރުދާސް މަދުވުމުގެ ޝަކުވާތައް އިންތިހާބު އޮތް ދުވަހު ވެސް ބައެއް މީހުން ހިއްސާކޮށްފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މުޅި މާލެއިން އިންތިހާބުކުރި 16 މެންބަރުންނަށް ވޯޓު ދިން ގޮތާއި ނަތީޖާ ޝީޓާ ދިމާނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު  އިއްޔެ ތުހުމަތު ކުރެއްވި އެވެ.

އެ ޝަކުވާތަކަށް އިންތިހާބު ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބްރޭ) މިރޭ ރައްދު ދެއްވި އެވެ. 

އޭނާ ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާތައް އިންތިހާބު ބޭއްވި މަރުކަޒުތަކުގައި އިއުލާން ކޮށްފައިވާ ކަމަށެވެ. 

"ނަތީޖާ ޝީޓްތައް ޗެކްކުރުމަށް ފަހު ޕާޓީގެ ވެބްސައިޓްގައި އާއްމު ކުރުމުގެ މަސައްކަތް ކުރަމުންދަނީ. މަސައްކަތް ކުރަމުން މިދަނީ މިރެއަށް ނިންމޭތޯ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރޭ މިރޭ ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާ އިން، މުޅި މާލެއިން 16 ގޮނޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓްގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަ ޖެހި ގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓު އިތުރަށް ޖަހާފައި ހުރި ކަމަށް ބެލެވޭ ކަމަށް ވެސް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ.

އޭނާގެ އިތުރުން އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް ބައެއް ނަތީޖާތަކާ މެދު ސުވާލު އުފައްދާފައިވެ އެވެ.