ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު ފ. ފީއަލިން ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕެރޭޝަނެއްގައި އެ މީހާ ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހު ފީއައްޔަށް ކައިރި ކުރި ފެރީއަކުންނެވެ.

އަދި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑާއި ފެރީ ތެރެ ބަލައި ފާސްކުރި އިރު މަސްތުވާ ތަކެތި ހުރި 65 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ދަތުރު ކުރި ފެރީ އަކީ އެ އަތޮޅު ނިލަންދޫން ފީއައްޔަށް އައި ފެރީ އެކެވެ. އަދި ހައްޔަަރު ކޮށްފައިވާ މީހާ އަކީ ކޮން ރަށެއްގެ މީހެއް ކަން ސާފެއް ނުވި އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ނިލަންދޫ ކޯޓުން ވަނީ އެ މީހާގެ ބަންދަށް 10 ދުވަސް އިތުރު ކޮށްފަ އެވެ. އަދި ނިލަންދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ މި މައްސަލަ އިތުރަށް ތަހުުގީގު ކުރަމުންނެވެ.