ވެރިކަންކުރާ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ޓުވީޓުތަކުގައި ނުސީދާކޮށް ދެއްވި މެސެޖުތަކުން އެ ދެ ބޭފުޅުންގެ ވިސްނުން އަނެއްކާ ވެސް ބަދަލުވީތޯ ސުވާލުއުފެދިއްޖެ އެވެ.

މާނަ ފުން ބަސްތަކުން ދެ ބޭފުޅުން ޓުވީޓް ކުރައްވާފައި މިވަނީ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް ވަރަށް އަވަހަށް ގެންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. ސާފުކޮށް ވިދާޅުނުވި ނަމަވެސް ދެ ބޭފުޅުންގެ ޓުވީޓްތަކުން ވެސް ދޭހަވަނީ ކޮންމެވެސް ކަމަކާ "ކެތްނުކުރެއްވިގެން" އުޅޭ ކަމެވެ.

ސައުދުﷲ ޓުވީޓު ކުރެއްވި ޅެން ބައިތުގައި ވިދާޅުވީ "ހުންނަންތަވީ އަބަދަށް މިހެން ހިތުގާ ގިލަންވާ ނުފިލިފާ، އޮންނަންތަވީ ނިދުމުގެ ތެރެއިން ގާފިލުވެގެން ގޮސް ހުސްވެފާ" މިހެންނެވެ.

ސުޖާއު ކުރެއްވި ޓުވީޓްގައި ވިދާޅުވީ "ދެންފަހެ އޭނާ ބުނާނެތެވެ. މަށަކަށްވާ ކެތެއް ނުކުރެވުނެވެ، މިފަދައިންނެވެ.

މި ޓުވީޓްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވެސް ވާހަކައެއް ނުދެއްކެވި އެވެ.

ސޯޝަލްމީޑިއާގައި މި ދެ ބޭފުޅުންނަށް ރައްދު ދިން ބައެއް މީހުން ބުނިގޮތުގައި، އެ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް އިތުރަށް ތާއީދުކުރެއްވެން ނެތް ވާހަކަ އެވެ. ސާފުކޮށް އެ ވާހަކަ ވިދާޅުވާން ދެ ބޭފުޅުންނަށް ކެރިވަޑައިނުގެން އުޅުއްވަނީ "ފިތިފައި ތިއްބެވުމުން" ކަމަށް ވެސް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.

މި ޓުވީޓްތަކުގެ ސިޔާސީ ފައިދާ ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ނަގަމުންނެވެ.

އިދިކޮޅު އިއްތިހާދުގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި ގޮތުގައި ސުޖާއު އެ ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިތުބާރު ނެތް ކަމުގެ އިޝާރާތެކެވެ.

މަސީހު ވަކިކުރަން ބޭނުންވާ 42 މެމްބަރުންގެ ސޮއި ހަމަވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ނުސީދާކޮށް ދަނީ ބުނަމުންނެވެ. މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތް ގޮތުން އެ އަދަދު ހަމަވާނީ، ޕީޕީއެމްގެ މެމްބަރުން ވެސް ހިމަނައިގެންނެވެ.

ރައީސް ޔާމީންގެ ސިޔާސަތުތަކާ ދޭތެރޭގައި ހިތްހަމަޖެހިވަޑައިނުގެން މި ދެ ބޭފުޅުން މީގެކުރިން ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅި އަށް އަރާވަޑައިގެންނެވި އެވެ. އެ ފަހަރު ނޫސްވެރިންނާ ބައްދަލުކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަސްލަހަތާ ދެކޮޅަށް މަޖިލީހުގެ ވޯޓު ދެއްވާފައިވާ ކަމަށް ވިދާޅުވެ މާފަށް ވެސް އެދިވަޑައިގެންނެވި އެވެ.

މައުމޫން ފަޅި އަށް އަރާވަޑައިގެންނެވި ޕީޕީއެމްގެ އެހެން މެމްބަރުންނާ އެކު ސުޖާއު އާއި ސައުދު ސަރުކާރަށް ފާޑުވިދާޅުވި މައްސަލާގައި، މި ދެ ބޭފުޅުންގެ ވިޔަފާރި އަށް ދަތިތަކެއް ކުރިމަތިކުރި އެވެ. ސައުދުގެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ވެސް ހުއްޓުވި އެވެ.

މިގޮތަށް ބިރުދައްކަން ފެށުމުން، ދެ ބޭފުޅުން ވަނީ އަލުން ރައީސް ޔާމީން ފަޅިއަށް އަރާވަޑައިގެންފަ އެވެ.

ކުރިން މިގޮތަށް ކަން ހިނގާފައި އޮތުމާއެކު، ސުޖާއު އާއި ސައުދުﷲ މިހާރު ވިސްނުން ގެންގުޅުއްވާ ގޮތެއް ސާފުވާނީ، ދެ ބޭފުޅުން ސާފުކޮށް ވިދާޅުވުމުންނެވެ.