ސައުދަށް ކުރަނީ ކައުންސިލަރަކަށް ހުރެ، ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރު ކުރެއްވީ، ވިލިނގިލީ ކައުންސިލަރަކަށް ހުންނެވި އިރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯއްދަވާފައިވާ ކަމަށް ތުހުމަތުކޮށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.


ވިލިނގިލީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި 2013 ވަނަ އަހަރު ސައުދު ހުންނެވި އިރު، ކައުންސިލުން އިއުލާން ކޮށްގެން އެ ރަށުގައި ގޯތި ދޫކުރުމުގައި ސައުދު މަގާމުގެ ފައިދާ ހޯއްދަވާފައިވާ ކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ. އެކަމަކު އެކަން ސައުދު ވަނީ ދޮގު ކުރައްވާފަ އެވެ.

މި މައްސަލައިގައި މައުލޫމާތު ހޯދުމަށް ކަމަށް ބުނެ، މީގެ ދެ ހަފުތާ ކުރިން ވެސް އޭނާ އޭސީސީ އަށް ހާޒިރު ކުރި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، ޕީޕީއެމުން ވަކި ކުރައްވާފައިވާ ސައުދު ވިދާޅުވީ އޭނާގެ ވަށައިގެން އެކި ތުހުމަތުތައް މިހާރު ކުރައްވާނެ ކަމަށާއި ކުރިމަގުގައި ވެސް އެތަން ފެންނާނެ ކަމަށެވެ.

ސައުދު ވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވުމުގެ ތުހުމަތުގައި ވެސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

"އަޅުގަނޑުގެ މިހާރު ވެއްޖެ ޓެރަރިސްޓަކަށް ވެސް. އަދި މަގާމުގެ ނުފޫޒު ހޯދާފައިވާ މީހަކަށް ވެސް. ކުރިއަށް އޮތްތަނުގައި އަދި އިތުރު ތަންތަނަށް ހާޒިރުކޮށް އިތުރު ތުހުމަތުތައް ވެސް ކުރާނެ،" ސައުދު ވިދާޅުވި އެވެ.

އޭނާ ވަނީ ދައުލަތުގެ މުއައްސަސާތަކުން ސަރުކާރުން އަންގާހާ ދަށް އަމަލުތަކަށް ބޯލަނބާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

ސައުދު ވިދާޅުވީ މި ފަދަ މުއައްސަސާތައް ތަމްސީލު ކޮށްދޭން ޖެހޭނީ ރާއްޖެ އާއި ދިވެހި ރައްޔިތުން ކަމަށާއި ސަރުކާރުން ބުނާހާ ގޮތަކަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ތިބި ބައެއްގެ މިނިވަންކަން އޮތް މިންވަރާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ. ސައުދު ވިދާޅުވީ މުއައްސާސަތަކުން މިހާރު އަމަލު ކުރަމުންދާ ގޮތުން ރައްޔިތުންގެ ކުރިމަތީގައި އެ ތަންތަނުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

"ދައުލަތުގެ ހަޒާނާ އިން ބިލިޔަނުން ވައްކަންކޮށް، ގޯނި ގޯންޏަށް ފައިސާ އަޅައިގެން ގޮސް ބެހި ކަމަށް އެއްބަސްވާ އިރު ވެސް އެ މީހުންނާ ގާނޫނު އަރާ ހަމައެއް ނުކުރެވޭ. މުއައްސަސާތަކުން ސަރުކާރު ދެކެ ބިރުން، ހިންގާ މި ފަދަ ތަހުގީގުތަކުން ރައްޔިތުންގެ އިތުބާރު މިވަނީ ގެއްލިފައި،" ސައުދު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު އެދެން (މުއައްސަސާތަކުން) ފިތިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭން،"