ރައީސް އަބްދުﷲ ޔާމީން ސިޔާސީ ގޮތުން ބަލިކަށިވުމަކީ ރައްޔިތުންނަށް އިންސާފު ލިބިގެންދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އިންތި ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިން، ބޭކާރު ކަންކަމުގައި ސިޔާސީ ބޭފުޅުންގެ ފަހަތުން ދުވުމުގެ ބަދަލުގައި "ހަގީގީ" ކަންކަމަށް ރުޖޫއަވެވަޑައިގަތުމަށް ގޮވައިލައްވާ ކަމަށެވެ. އަދި އިންސާނުންގެ ބުއްދި އަށް ގަބޫލު ކުރެވޭ ޝަރީއަތްތައް ހިނގައި ރައްޔިތުންނަށް އިންސާފު ގާއިމު ކޮށްދޭން އޭނާ އެދިވަޑައިގެންނެވި އެވެ.
ފުލުހުންގެ ތަހުގީގެއްގައި ފޯނު ހުޅުވައި ނުދިން މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމާ ގުޅިގެން އިންތި ވިދާޅުވީ އެ މައްސަލައިގައި އިންސާފު ނުލިބުނު ކަމަށް ބުނާ ރައްޔިތަކު ނެތް ކަމަށެވެ.
"މިއިން އަންގައިދެނީ އިންސާފާ ގާތްވާ ގޮތަށް ކިރިޔާ ވެސް ކޯޓަކުން، ފަނޑިޔާރަކު ހުކުމެއް އިއްވައިފި ނަމަ، އަޅުގަނޑުމެން ތިބޭނީ އެއީ ރަނގަޅު ހުކުމެއް ގޮތުގައި ބުނަން ކަން. ރާއްޖޭގެ ހުރިހާ ރައްޔިތުން އިއްތިފާގު އެބަވޭ މިއަދު ނިމިގެން ދިޔައީ އިންސާފުން ކަން،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވި ގޮތުގައި ރިޔާޒްގެ މައްސަލަ ސާބިތު ކުރުމަށް މިނިވަން މުސްތަގިއްލު މުއައްސަސާތަކުން ކުރީ ބޭކާރު މަސައްކަތްތަކެކެވެ. އޭގެ ބަދަލުގައި މީހުން މެރުން ފަދަ މުހިންމު މައްސަލަތައް ކާމިޔާބު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާނަމަ، މާ ރަނގަޅުވާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް "ޚަރާބު" ކުރުމުގެ ނިޔަތުގައި ރައީސް ޔާމީން ކުރައްވާ ކަމަކީ ކާމިޔާބު އުކުޅެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
މަޖިލިހުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އަމާޒަކީ މަޖިލީހުގައި ކުރާ މަސައްކަތްތަކަކީ މިނިވަން މަސައްކަތެއްގެ ގޮތުގައި ހަދައި ރާއްޖެ މިނިވަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ނުހައްގުން މީހުން ޖަލަށްލުމަކީ "އެއްވެސް ހާލެއްގައި ގަދަ ކަމެއް" ނޫން ކަމަށް އިންތި ވިދާޅުވި އެވެ.
"އެބޭފުޅުންގެ ގަޓް ކަމަކަށްވާނީ ރައްޔިތުންގެ އިތުބާރު އޮތް މުއައްސަސާތައް ހެދުނީމަ، އެގޮތަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިއަދު ވެސް އިލްތިމާސް ކުރަން،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވި ގޮތުގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތް ކުރައްވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
މިއީ މުއައްސަސާތަކާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު އުފައްދަން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އިންސާފުން ކަމެއް ނިމުނީމަ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ޕާޓީތަކުން ގުޅިގެން މަސައްކަތް ކޮށްފިނަމަ، މި ގައުމު ހަމަ މަގަށް އެޅުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.