ދިވެހި އަންހެނަކު ވިހޭ އެއްމާބަނޑު ހަތަރު ކުދިން ހޮސްޕިޓަލުން ދޫކޮށްލައިފި

ބަނޑަށް ހަތް މަހުގައި ދިވެހި އަންހެނަކު ވިހޭ އެއްމާބަނޑު ހަތަރު ކުދިން ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފި އެވެ.


އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ކުޑަކުދިންނަށް ޚާއްސަ ނިއޯނޭޓަލް އިންޓެންސިވް ކެއާގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ހަތަރު ކުދިންގެ ހާލު ރަނގަޅު ކަމަށެވެ. މި ހަތަރު ކުދިން ދޫކޮށްލީ، ހޮސްޕިޓަލުން މަހެއްހާ ދުވަހު ފަރުވާ ދިނުމަށް ފަހު އެވެ.

"އިތުރަށް ދޭނެ ފަރުވާއެއް ނެތުމާއި އެ ކުދިން އާންމު މާހައުލުގައި ގެންގުޅުމުގައި އެއްވެސް ހުރަހެއް ނެތީމަ ދޫކޮށްލީ، އެ ކުދިންގެ މަންމަ މި މަހުގެ ކުރީކޮޅު ދޫކޮށްލީ،" އަފްއާލް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި މިދިޔަ ޖޫން 17 ގައި އެއްމާބަނޑު ހަތަރު ކުދިން ވިހެއުމަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ އޭޑީކޭގެ ތާރީހުގައި އެއްމާބަނޑު ހަތަރު ކުދިން ވިހެއި ފުރަތަމަ ފަހަރު ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ ކުޑަކުދިންނަށް ފަރުވާ ދިންއިރު، ވިހައިގެން ކުއްޖަކު ބޮޑުވާން ބޭނުންވާ ބަރުދަނަށް ގެނައުމަށް ވަރަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ.

ހަތަރު ކުދިން 24 ގަޑިއިރު ބަލަހައްޓަމުން ގެންދިޔަ ކަމަށާއި އެކަމުގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާނެ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

"މި ކުދިން ބެލެހެއްޓުމުގައި ހާއްސަ ތަމްރީނުތަކެއް ވާނީ ނަރުހުންނާއި ޑޮކްޓަރުންގެ ޓީމަކަށް ދީފައި،" ޑޮކްޓަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވާ އަފްއާލް ވިދާޅުވި އެވެ.

ސިޒޭރިއަން ހަދައިގެން ނެގި ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ލިބުނީ ފާތުމަތު ސުމީތާ، 27، އަށާއި އަހުމަދު އަޝްފާގު 29، އެވެ. މިއީ، އެ ދެމަފިރިންގެ އަލަތު ދަރިންނެވެ.

ރާއްޖޭގައި އެއް މާބަނޑު ދެ ކުދިން ވަރަށް ގިނަ އާއިލާތަކުގައި ތިބި ނަމަވެސް އެއްމާބަނޑު ތިން ކުދިންނާއި ހަތަރު ކުދިން ލިބުމަކީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައި ވަރަށް މަދުން ވާ ކަމެކެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެއްމާބަނޑު ހަތަރު ކުދިން އުފަންވި ކަމެއް އެނގިފައެއް ނުވެ އެވެ. އެކަމަކު 1975ގައި އައްޑޫ އަންހެނަކު އެއްފަހަރާ ހަތަރު ކުދިން ވިހައި ތިން ކުއްޖަކު މަރުވެ އެއް ކުއްޖަކު އަދިވެސް ދުނިޔޭގައި އެބަހުރި ކަމަށްވެ އެވެ.