އަންނަ ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން ސިޔާސީ އެއްވެސް އެއްވުމެއް ބާއްވަން ހުއްދަ ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިރޭ ވިދާޅުވީ ހޯމަ ދުވަހު އެއްވުމެއް ބާއްވަން ސިޔާސީ އެއްވެސް ޕާޓީއަކަށް ނުވަތަ ގުޅިފައިވާ އެއްވެސް ޕާޓީތަކަކަށް ފުލުހުން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.
ސިޔާސީ އެއްވެސް ހަރަކާތެއްގައި ފުލުހުން ބައިވެރިނުވާނެ ކަމަށާއި އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް މިރޭ ވިދާޅުވީ ހޯމަ ދުވަހު ބާއްވާ މުޒާހަރާއަކީ ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމަކަށްވެއްޖެ ނަމަ، އެކަމަށް ހުރަސް ނާޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފަިއވާ ކަމަށެވެ.
އިދިކޮޅު ޕާޓީތަކުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ރައްޔިތުން މާލެ އަރައި، ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ގޮވާލައިފަ އެވެ. މިއީ ތިން ބާރު އެއްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އަޑުއުފުލުމުގެ ގޮތުން ބާއްވާ މުޒާހަރާއެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.