އަލީ ހަމީދު އުމުރު ހަގު ކުރި މައްސަލަ ޕީޖީ އަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އުމުރު ހަގު ކުރައްވައި އައިޑީ ކާޑު ބަދަލުކުރެއްވި ކަމަށް ބުނާ މައްސަލަ ބެލުމަށް އަމިއްލަ ފަރާތަކުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ސިޓީއެއް މިއަދު ހުށަހަޅައިފި އެވެ.


ފުނަމާ އާދަމް ނަމަކަށް ކިޔާ މީހަކު ޕީޖީ އަށް ހުށަހެޅި ސިޓީގައި ބުނެފައިވާ ގޮތުގައި އައިޑީ ކާޑު ބަދަލު ކުރުމަކީ ސަރުކާރުގެ ކަމާ ބެހޭ ގިނަ ފަރާތްތަކެއް މެދުވެރިވެގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ އެ ފަރާތުން ޕީޖީ އޮފީހުގައި އެދުނީ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.

އަލީ ހަމީދު އުމުރު ހަގު ކުރައްވައި އައިޑީ ކާޑު ބަދަލުކުރެއްވި ކަމަށް ބުނާ މައްސަލަ އޭސީސީ އަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބެލުމަކީ އެ ކޮމިޝަންގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެ، އެ މައްސަލަ އެހެން މުއައްސަސާއަކަށް ހުށަހަޅަން އަންގައިފަ އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ޕީޖީ އަށް ހުށަހެޅީ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯއްދެވި ކަމަށް ތުހުމަތުކޮށެވެ. އެހެންވެ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން އެ މައްސަލަ ބެލޭނެ ކަމަށް އެމްޑީޕީން ގަބޫލުކުރެ އެވެ.

ސީއެންއެމް އިން އާއްމުކޮށްފައިވާ، އަލީ ހަމީދު ހެއްދެވި ކަމަށް ބުނާ ޕާސްޕޯޓެއް.

އަމިއްލަ މީހަކު ކޮލިފިކޭޝަން އޮތޯރިޓީގައި އެކްރެޑިޓް ކުރުމަށް ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި މައްސަލައެއް އޭސީސީން ތަހުގީގު ކުރުމަށް ފަހު ޕީޖީ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ދައުވާކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ އުމުރަށް ބަދަލު ގެނެސް އާ ޕޯސްޕޯޓަކާއި އާ އައިޑީ ކާޑެއް ހެއްދެވިކަން މީގެ ދުވަސްކޮޅެއް ކުރިން ހާމަވީ ކުރިން ހެދި ޕާސްޕޯޓަކާއި އައިޑީ ކާޑާއި ފަހުން ހެދި ޕާސްޕޯޓާއި އައިޑީ ކާޑުގެ ކޮޕީތަކެއް ސޯޝަލް މީޑއާގައި ލީކުވުމުގެ ސަބަބުންނެވެ.

މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑިސެމްބަރު، 5، 2008 ގައި ދޫކުރި ޕާސްޕޯޓްގައި އަލީ ހަމީދުގެ އުފަން ތާރީހުގެ ގޮތުގައި އޮތީ އޮކްޓޯބަރު، 14، 1958 އެވެ. އެކަމަކު އޭގެ ފަސް އަހަރު ފަހުން، 2013 ގައި ދޫކުރި ޕާސްޕޯޓުގައި އޭނާގެ އުފަން ތާރީހަކަށް އޮތީ، ހަ އަހަރު ހަގުކޮށް، ސެޕްޓެމްބަރު، 25، 1964 އެވެ.