މެމްބަރުންގެ ތަހުގީގުތައް ހުއްޓުވައިދޭން ވަފާތެރި ފުލުހުންނާއި ސިފައިންގެ ކިބައިން އެދެން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ މައްޗަށް ތުހުމަތުކޮށް ހިންގަމުންދާ ތަހުގީގުތައް ހުއްޓުވައިދޭން، ފުލުހުންގެ މުއައްސަސާގައި ތިބި ވަފާތެރި ފުލުހުންނާއި ސިފައިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރަކު ހައްޔަރުކޮށް އަދި އެހެން ބައެއް މެމްބަރުން ފުލުފުލުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ.

ނަޝީދުގެ ޓުވީޓްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ކަންކަމަށް ފުލުހުންގެ މުއައްސަސާ ބޭނުން ކުރުމަކީ އެ މުއައްސަސާ އާއި ރާއްޖެ އަށް ވެސް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. މެމްބަރުންގެ ތަހުގީގުތައް ހުއޓުވަން ބާރުއަޅައި، މެމްބަރުން މަޖިލީހަށް ވެންނެވުމަށް ހުރަސް ނޭޅުމަށް ވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތަހުގީގު އަދި ނުނިމޭއިރު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މީގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހައްޔަރުކުރީ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހުގެ އިދާރާ އަށް މިދިޔަ ހޯމަ ދުވަހު ވެންނެވި މައްސަލައިގަ އެވެ.

މި މައްސަލާގައި ތިން މެމްބަރުން ހައްޔަރުކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެ ބޭފުޅުން އެދިވަޑައިގަތުމުން އެ މައްސަލަ އެ ކޯޓަށް ވަނީ ބަލައިގެންފަ އެވެ.