މެމްބަރުން ފުލުހުންގެ ސަފުތައް ރޫޅާލި ކަމަށް ތުހުމަތެއް ނުކުރެވޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ސަފުތައް ރޫޅާލި ކަމަށް ތުހުމަތު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ސަފު ހެދުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.

ނަޝީދު ކުރެއްވި ޓުވީޓު.

ނަޝީދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ މަދު ބަޔަކު ބޭނުން ކުރައްވައިގެން ރައީސް އަބްދުﷲ ޔާމީން ކުރެއްވީ ބޮޑު ކުށެއް ކަމަށެވެ. އަދި މަޖިލީހަށް ވަނުމަށް ފުލުހުންނަށް އަމުރު ކުރި މީހަކު ފުލުހުން ބުނެދިނުން ބުއްދިވެރި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ކުރެއްވި ޓުވީޓު.

މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަތުމަށް އުޅުއްވުމުން ފުލުހުން ވަނީ އެ މެމްބަރުންނަށް ހުރަސް އަޅައިފަ އެވެ. އަދި އެ ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ.

އިދިކޮޅު ސިޔާސީ ހަރަކާތްތައް އާންމުކޮށް ހިންގަމުން އަންނަ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ މ. ކުނޫޒުން ފެށިގެން މެމްބަރުން ހިންގަވާފައި މަޖިލީހަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވުމުން ކުނޫޒު ކައިރިން މެމްބަރުންނަށް ފުލުހުން ހުރަސް އެޅި އެވެ. އެކަމަކު ފަހުން ފުލުހުން ވަނީ މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް ފުރުސަތު ދެއްވައިފަ އެވެ.

އޭގެ ފަހުން މާލޭގެ ދެ ސަރަހައްދަކުން މެމްބަރުންނަށް ކުރިއަށް ނުދެވޭ ގޮތަށް ފުލުހުން ހުރަސް އެޅި އެވެ. އަދި މަޖިލިސް ސަރަހައްދުން ފުލުހުން ހުރަސްއެޅި ނަމަވެސް މެމްބަރުން ވަނީ މަޖިލީހުގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ. އަދި މަޖިލީހަށް ވަން މެމްބަރުންތައް ބާރުގެ ބޭނުންކޮށްގެން ނެރުނީ ސިފައިންނާއި ފުލުހުން މަޖިލީހަށް ވަދެގެންނެވެ.

ފުލުހުންގެ ސަފުތައް ފަޅާލި ކަމުގެ ތުހުމަތުގައި މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ބައެއް މެމްބަރުން ފުލުސް އޮފީހަށް ހާޒިރު ކުރަން ވަނީ ފަށައިފަ އެވެ.

ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިން ހައްޔަރުކުރީ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވެންނެވުމުންނެވެ. ނަމަވެސް އެ މެމްބަރުން ވަނީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ އިބްރާހިމް ފަލާހު ދަނީ ފުލުސް އޮފީހަށް ހާޒިރު ކުރަމުންނެވެ.