ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ނުރަސްމީ ގަޑީގައި މަސައްކަތްކުރަން މަޖިލީހުގެ އިދާރާގައި ތިބެވޭނީ ހާއްސަ ފޯމެއް ފުރައި ހުއްދަ ހޯދުމަށް ފަހު، އެ ފޯމްގެ ކޮޕީއެއް ސިފައިންނަށް ހުށަހަޅައިގެން ކަމަށް ހަމަޖައްސައިފި އެވެ.

މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ސޮއިކުރައްވައި މިއަދު ނެރުއްވި މެމޯއެއްގައި ބުނެފައި ވަނީ އެ އިދާރާގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ނުރަސްމީ ގަޑީގައި މަސައްކަތްކުރެވޭނީ "ނުރަސްމީގަޑީގައި އޮފީހަށް ނުކުތުމަށް ހުއްދަދޭ ފޯމް" ފުރިހަމަކުރުމަށް ފަހު އެ ފޯމްގެ ކޮޕީއެއް އެމްއެންޑީއެފް ޑިއުޓީ ޑެސްކާ ހަވާލުކުރުމަށްފަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށް އިދިކޮޅު މެންބަރުން މަސައްކަތް ކުރަމުން އަންނައިރު، އިދިކޮޅު މެންބަރުން މަޖިލީހުގެ އިދާރާއަށް ވަނަ ނުދީ ސިފައިން ވަނީ މީގެ ކުރިން މަޖިލީހުގެ އިދާރާގެ ގޭޓްތައް ތަޅުލައި މެންބަރުން ވަނުން ހުއްޓުވައިފަ އެވެ.

މަޖިލިސް މެންބަރުންނަށް ސިފައިން ހުރަސް އަޅާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނުކޮށް ނެރުނު މެމޯގައި ބުނެފައިވާ ގޮތުން، ނުރަސްމީގަޑީގައި މަސައްކަތެއްކުރުމަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް ވެސް އޮފީހަށް ނުކުމެ ތިބެވޭނީ ފޯމްގައިވާ ގޮތުގެމަތިން ހަތަރު ވެރިއެއްގެ ހުއްދަ ލިބިގެންނެވެ. އެ ހުއްދަ ދެއްވަނީ އަމީން އާއްމު އަހުމަދު މުހައްމަދާއި އަމީން އާއްމުގެ ނައިބު ފާތިމަތު ނިއުޝާ އާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލުން ކަމަށްވާ އަބްދުލްހަމީދު ޒަކަރިއްޔާ އަދި މުހައްމަދު ރަޝީދެވެ.

މެމޯގައި ބުނެފައި ވަނީ ނުރަސްމީގަޑީގައި މުވައްޒަފުން އޮފީހަށް ނުކުންނައިރު މުވައްޒަފެއްކަން އަންގައިދޭ ކާޑު ފެންނަން ހުންނަން ވާނެ ކަމަށެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ބުނީ މަޖިލިސްކުރާ ޗެމްބަރާއި ގެލެރީ ބައި މިހާރު ހުންނަނީ ތަޅުލާފައި ކަމަށެވެ.

މަޖިލީހުގެ އިދާރާގެ ފާހާނާއެއްގައި ހުރި ޓިޝޫ އަޅާ އެއްޗެއްގައި ރޯވި ފަހުން ޖަލްސާތައް ނުބާއްވާތާ މިހާރު ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.