ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް އިއްޔެ ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން އިއުލާން ކުރައްވާފައިވަނިކޮށް، މަޖިލީހުގެ އިދާރާގެ ގޭޓްތައް ތަޅުލުމަށް ފަހު، މިއަދު އަލުން ހުޅުވައިފި އެވެ. އެކަމަކު މަޖިލީހުގެ އެއްވެސް މެމްބަރަކަށް މަޖިލީހުގެ އިދާރާތެރެއަށް ވަދެވޭ ގޮތެއް ނުވެ އެވެ.

މަޖިލީހުގެ ހަތަރު ގޭޓުގައި ތަޅު އެޅުވުމަށް ފަހު، ސިފައިން އިއްޔެ ފޯރިމަރަން ފެށީ އިރުމަތީ މައި ގޭޓް ކައިރީގަ އެވެ. އަދި މަޖިލީހަށް މުވައްޒަފުން ވެސް ވެއްދީ ކާކުކަން އަންގައިދޭ ކާޑާއި ހުރިހާ އެއްޗެއް ބެލުމަށް ފަހު އެ ގޭޓުން އެކަންޏެވެ. އެކަމަކު ވަކި ހިސާބަކުން އިދާރީ މުވައްޒަފުން ވަނީ އެތަނުން ނެރެފަ އެވެ.

ގޭޓްތަކުގައި އެޅުވި ތަޅުތައް މިއަދު ނައްޓާލި ނަމަވެސް ކޮމްބެޓް ޔުނިފޯމްގައި ތިބި ސިފައިިން އަދިވެސް އަންނަނީ މަޖިލިހުގެ އިދާރާގެ ގޭޓްތައް ކައިރީގައި ފޯރިމަރަމުންނެވެ. މަޖިލީހުގެ އިދާރާގެ ގޯތި ތެރެއަށް މެމްބަރުންނަށް ވަދެވުނަސް، އެ އިމާރާތުގެ އެތެރެއަކަށް ނުވަދެވެ އެވެ. މަޖިލީހުގެ އިދާރާގެ މައި ދޮރުތައް ކުރިމަތީގައި ވެސް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ސިފައިން އެތުރިގެން އެބަތިއްބެވެ.

ގަކޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލިހުގެ އިދާރާ އަށް މިއަދު ވަޑައިގަތުމުން، އެ ބޭފުޅުން އެ ތަނަށް ވެންނެވުމަށް ސިފައިން ހުރަސްއަޅައި، މަޖިލިހުގެ އިދާރާގެ އެތެރޭގެ ދޮރުމަތީގައި އެތުރިގެން.
ގަކޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލިހުގެ އިދާރާ އަށް މިއަދު ވަޑައިގަތުމުން، އެ ބޭފުޅުން އެ ތަނަށް ވެންނެވުމަށް ސިފައިން ހުރަސްއަޅައި، މަޖިލިހުގެ އިދާރާގެ އެތެރޭގެ ދޮރުމަތީގައި އެތުރިގެން.

ސިފައިން އިއްޔެ ހެނދުނުން ފެށިގެން މަޖިލިސް ބަންދުކޮށް މަޖިލީހުގެ ގޭޓުތަކުގައި ތަޅު އަޅުވާފައި ވަނިކޮށް މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ގަދަ ކަމުން މަޖިލީހުގެ ތެރެއަށް ވަދެގެންފަ އެވެ. ނަމަވެސް މަޖިލީހަށް ވަތް މެމްބަރުން ސަލާމަތީ ބާރުތަކުގެ އެހީގައި ވަނީ ބާރުގެ ބޭނުންކޮށްގެން ނެރެފަ އެވެ. މަޖިލީހަށް މެމްބަރުން ވަންނަވަން އުޅުއްވުމުގެ ތެރޭގައި އާއި ސަލާމަތީ ބާރުތަކުން މެމްބަރުން ނެރުނު ގަޑީގައި ބައެއް މެމްބަރުންނަށް އަނިޔާވި އެވެ.

މަޖިލީހުން ބުނި ގޮތުގައި ސަލާމަތީ ބާރުތަކުގެ އެހީއަށް އެދުނީ ޖަލްސާ ނޯންނާނެކަން އިއުލާންކޮށްފައި ވަނިކޮށް، މެމްބަރުން މަޖިލީހަށް ވަދެ، ގާނޫނާ ޚިލާފް ކަންތައްތަކެއް އެތަނުގައި ކުރާ ކަމުގެ މައުލޫމާތު ލިބުމުން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މަޖިލިސްގެ ސަލާމަތީ ކަންކަން އަބަދުވެސް ބަލަހައްޓަނީ އެމްއެންޑީއެފް އިން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެމްއެންޑީއެފް އިން އެކަންކަން ބަލަހައްޓާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މަޖިލިހުގެ އިދާރާ އިން އާންމުކޮށް އަމަލުކުރާ އުސޫލަށް ބަލާއިރު، އެތަނުން ބަޔާން ނެރެނީ އަމީން އާންމަށް އެނގިވަޑައިގެންނެވެ. ނަަމަވެސް އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގަތުމުގެ ކުރިންނާއި ފަހުން ސިފައިން ހިންގި އެއްވެސް ކަމެއް އަމީން އާންމަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެ އެވެ. އަދި މަޖިލީހުން ބަޔާން ނެރުނީ ވެސް އޭނާ އަށް އެނގިވަޑައިގަތުމެއް ނެތި އެވެ.