ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނިކޮށް، މަޖިލިހުގެ އިދާރައިގެ ހުރިހާ ގޭޓް ތަޅުލައި، ސިފައިން ފޯރި މަރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާ ބާއްވަން އޮތީ މިއަދު އެވެ. އެކަމަކު އެ މައްސަލާގައި ސޮއިކުރެއްވި ހަތަރު މެމްބަަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، ޖަލްސާ ބާއްވަން ހަމަވާން ޖެހޭ 41 ވޯޓު މިހާރު ނެތް ކަމަށް، މަޖިލިހުން ނިންމައި މިއަދުގެ ޖަލްސާ ކެންސަލްކުރީ އެވެ.

އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި 45 މެމްބަރުން ކުރިން ސޮއިކޮށް، ފޮނުވި މައްސަލައެއް އެގޮތަކަށް ކެންސަލެއް ނުކުރެވޭނެ އެވެ. އަދި މަޖިލިހުގެ ގޮނޑިއެއް ގެއްލުނުކަން ކަށަވަރުކޮށްދޭން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށާއި އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެހެން އެއްވެސް ފަރާތަކަށް މެމްބަރުން ނުހުއްޓުވޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ މުވައްޒަފަކު، އެތަނަށް ވަނުމަށްޓަަކައި ސިފައިންގެ މީހަކު މިއަދު ގޭޓް ހުޅުވައި ދެނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ މުވައްޒަފަކު، އެތަނަށް ވަނުމަށްޓަަކައި ސިފައިންގެ މީހަކު މިއަދު ގޭޓް ހުޅުވައި ދެނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ގޮނޑި ގެއްލުނުކަން އިލެކްޝަންސް އިން ކަނޑައެޅި ހަތަރު މެމްބަރުން އެ މައްސަލަ މިދިއަ ބުރާސްފަތިދުވަހު ސުޕްރީމް ކޯޓަށް ވެއްދި އެވެ. އެކަމަކު އެ ކޯޓުން އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އިދިކޮޅު އިއްތިހާދުން ބުނަމުން އަންނަނީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން މަޖިލިހަށް މެމްބަރުން ވަންނާނެ ކަމަށެވެ. އަދި މަޖިލިހަށް މެމްބަރުން ވަންނަން ސަލާމަތީ ބާރުތަކަށް ހުރަސް ނޭޅޭނެ ކަމަށް ވެސް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.

މަޖިލިހުގެ ހަތަރު ގޭޓްގެ ތެރެއިން ތިން ގޭޓް ބަންދުކޮށް، ސިފައިން ފޯރި މަރަމުން އަންނަނީ އިރުމަތީ މައި ގޭޓް ކައިރީގަ އެވެ. މިވަގުތު މަޖިލިހަށް މުވައްޒަފުން ވެސް ވައްދަނީ ކާޑާއި ހުރިހާ އެއްޗެއް ބެލުމަށް ފަހު އެ ގޭޓުން އެކަންޏެވެ. ކުރިން ނަމަ މަޖިލިހުގެ އިދާރީ މުވައްޒަފުން ވަދެ ނުކުމެ އުޅެނީ ހުޅަނގު ފަރާތު ދޮރުން ނަމަވެސް އެތަން ވެސް ވަނީ ބަންދުކޮށްފަ އެވެ. އެހެންކަމުން މިހާރު މުވައްޒަފުން ވަދެނުކުމެ އުޅެނީ އިރުމަތީ ފަރާތު ދޮރުން އެކަންޏެވެ.

އިދިކޮޅު މެމްބަރުން ނިންމަވާފައި ވަނީ މިއަދު މެންދުރު މަޖިލިހަށް ވަދެވަޑައިގަތުމަށެވެ.

އިތުރު ތަފްސީލު އަންނަނީ....