ހާޒިރީ ރިޕޯޓުން ވަނަ ހޯދުމަށް ވުރެ މުހިންމު ކަންކަން އެބަހުރި: ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ ރިޕޯޓުން ކޮންމެ ދައުރެއްގައި ވަނަ ހޯދުމަށް ވުރެ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރައްވަން ޖެހިވަޑައިގަންނަވާ މާ މުހިންމު ކަންކަން އެބަހުރި ކަމަށާއި މިދިޔަ ދުވަސްތަކުގައި އެކަމަށް މަސައްކަތްތައް ކުރެއްވި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދެވަނަ ދައުރުގައި ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވެވަޑައިގެންނެވި ދެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ފައިސަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކޮންމެ ދުވަހެއްގެ ހާޒިރީ މާކް ކުރުމާއި ހާޒިރީ ރިޕޯޓުން ވަނަ ހޯދުމަށް ވުރެ މެމްބަރުންގެ މަސްއޫލިއްޔަތު މަޖިލީހުގެ ތެރޭގަ އާއި ބޭރުގައި މާބޮޑަށް ފުޅާ ކަމަށެވެ. ޚާއްސަކޮށް މަޖިލީހުން ބޭރުން ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ގާނޫނުތައް ހެދުން މެމްބަރުންނާ ހަވާލުކޮށްފައިވާކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ނަމަވެސް ފައިސަލް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރައްޔިތުންނަށް ފައިދާ ހުރި އެކަށީގެންވާ މަސައްކަތްތަކެއް މަޖިލީހުން ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެއީ މަޖިލީހުގެ ރިޔާސަތުގެ ކިބައިގައި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ އެއްވެސް އިޚުލާސްތެރި ނިޔަތެއް ނެތްކަން އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ވިދާޅުވި ގޮތުގައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި ފާސްކުރަންޖެހޭ މުހިންމު ގާނޫނުތަކެއް އަދިވެސް ފާސްނުކުރެވި ލަސްވުމަކީ އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.

ފައިސަލް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި ތަފާތު ކަންކަމުގައި އޭނާ މިހާތަނަށް މަޖިލީހަށް ހުށަހެޅުއްވި ބައެއް ބިލްތަކާއި މައްސަލަތައް ބޭރުކޮށް އަދި ކުރިއަށް ނުގެންގޮސް މަޖިލީހުގެ ރިޔާސަތުން ވަނީ ހިފަހައްޓައިފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެ ފަރާތްތަކަށް އެކަށީގެންވާ ތައުލީމާއި ތެރަޕީ ފޯރުކޮށްދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދިނުމުގެ ބިލު މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަމުންދާ އާއިލާތަކަށް ކަރަންޓާއި ފެނުގެ ސަބްސިޑީސް ފޯރުކޮށްދިނުމަށް އޭނާ ހުށަހެޅުއްވި އިސްލާހުގެ ބިލް، މިދިޔަ ދައުރު ނިމުނުއިރު ވެސް މަޖިލީހުގެ ތަޅުމަށް ނުގެނެސް، ވީނުވީއެއް ނޭނގި ހިފަހައްޓާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ހަމަ އެހެންމެ ޒުވާނުންނާއި ވަޒީފާ އަދާކުރަމުންދާ އެންމެހައި ފަރާތްތަކަށް ވަޒީފާގެ ޔަގީންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން، ވަޒީފާއާ ބެހޭ ގާނޫނަށް އަޅުގަނޑު ހުށަހެޅި އިސްލާހު ވެސް ވަނީ އެ ބިލަށް ސަމާލުކަމެއް ދިނުމެއް ނެތި މަޖިލީހުން ބޭރުކޮށްލާފަ އެވެ،" ފައިސަލް ވިދާޅުވި އެވެ.

"މަޖިލީހުގެ ކޮންމެ ދައުރެއް ވެސް ނިމިގެންދާއިރު، އެ ދައުރެއްގައި ބޭއްވުނު ޖަލްސާތަކުގެ އަދަދު އެއީ ފަހަރެއްގައި ވެސއް މަޖިލީހުން ކުރެވުނު މަސައްކަތްތަކުގެ ކާމިޔާބީ ރަމްޒުކޮށްދޭނެ ކަމެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގާނޫނުތަކެއް ފާސްކޮށް އޭގެ ފޮނިމީރުކަން މުޅި މުޖުތަމައު އަށް ލިބިގެން ދިއުންކަން އެއީ ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް ވެސް ގަބޫލު ކުރެވޭނެ ހަގީގަތެކެވެ."

ފައިސަލް ވިދާޅުވީ މަޖިލީހުގައި ހައްގު ބަސް ބުނެ، ރައްކާތެރިކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދެވިފައި ނެތުމަކީ ވެސް މަޖިލީހުގެ ރިޔާސަތުގެ ނާގާބިލް ކަމުގެ ހެއްކެއް ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން، ގާނޫނާއި ގަވައިދުތަކާ ޚިލާފަށް މަޖިލީހުގެ އިދާރާގައި ތަޅު އަޅުވައި ބާރުގެ ބޭނުންކޮށްގެން މަޖިލީހުގެ މަސައްކަތްތަކަށް މިދިޔަ ދައުރުގައި ރިޔާސަތުން ހުރަސްއަޅަމުން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ އިދިކޮޅު މެމްބަރުން މިދިޔަ ޖުލައި 24 ގައި މަޖިލީހުގެ އިދާރާ އަށް ވަޑައިގަންނަވަނިކޮށް، ފުލުހުން ހުރަސްއަޅައި ހިނގި ހަމަނުޖެހުންތަކުގައި ފައިސަލަށް ލިބުނު އަނިޔާތަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލެއްގައި ބާއްވާފައި.

"މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިިސިއްޔަތުން ރައްޔިތުންގެ ހައްގުގައި އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑަށް ލިބިފައިވާ ބޮޑެތި އަނިޔާތަކަށް މިއަދުވެސް މިދަނީ ބޭސްފަރުވާ ކުރަމުންނެވެ. އަދި މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ނަފުސާނީ އަނިޔާ ތަހައްމަލު ކުރަމުންދާ ކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ،" ފައިސަލް ވިދާޅުވި އެވެ.

"ހަމަ އެހެންމެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ ހައްގުގައި ބަސް ބުނެ، އެ މެމްބަރުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް އެ ފަރާތްތަކުގެ ގޮނޑި ގެއްލިފައިވާ ކަމަށް ގާނޫނުއަސާސީގެ 74 ވަނަ މާއްދާއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކަނޑައަޅާފައި ވުމަކީ މަޖިލިސް މެމްބަރުންނަށް ބިރު ދެއްކުމުގެ ގޮތުން ކޮށްފައިވާ ފިނޑި އަމަލެއް ކަމުގައި ދެކެމެވެ."

ފައިސަލް ފައުންޑޭޝަންގެ ނަމުގައި ޖަމާއަތެއް އުފައްދަވައި، ކާށިދޫ ދާއިރާ އަށާއި އެހެން ބައެއް ފަރާތްތަކަށް ހިލޭ ސާބަހަށް އެހީތެރިވަމުން އަންނަ ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ނިކަމެތި އެތައް ބައެއްގެ އުންމީދުތަކާ ގުޅިފައިވާ އަދި ވަޒީފާ އަދާކުރާ، މާދަމާ ވަޒީފާ އަށް ނުކުންނަން ތިބި ޒުވާނުންގެ މުސްތަގުބަލާ ގުޅުން ހުރި ގާނޫނުތައް ފާސްކޮށް، އިޖުތިމާއީ ރައްކާތެރިކަން ހޯދައިދޭންޖެހޭ ތަނަކަށް ވިޔަސް އެކަން ވެސް ނުފެންނަ ކަމަށެވެ.