ފްލެޓުގެ މައްސަލާގައި ގިނަ ބައެއްގެ ހައްގުތައް ވަނީ ނިގުޅައިގެންފައި: އިދިކޮޅު ފަރާތްތައް

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދިން މީހުންގެ ތަފުސީލްތައް އާންމު ނުކުރުމަކީ ގިނަ ބައެއްގެ ހައްގުތައް ނިގުޅައިގަތުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.


އިދިކޮޅު ހަރަކާތްތަކުގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ގޮތުގައި 661 ފްލެޓް ލިބުނު މީހުންގެ ނަންތައް ހާމަނުކުރީ މަކަރާއި ހީލަތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހައުސިން މިނިސްޓްރީން ކުރި ކަމަކަށް ވާތީ އެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސްގެ ސަބަބުން، ފްލެޓް ދިނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަން އިތުރަށް ސާފުވި ކަމަށެވެ. އަދި މުއިއްޒުގެ ވާހަކަ ހުރީ ފްލެޓް ހޯދުމަށް ފޯމުލީ ނިކަމެތި މީހުން ކުށްވެރިކުރާ ހިސާބުގައި ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެހެންވެ، ޝިފާ ވިދާޅުވި ގޮތުގައި މިކަމުގައި އޮތް ހަމައެކަނި ހައްލަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ފްލެޓް ލިބުނު ހުރިހާ އެންމެންގެ ނަންތައް ހާމަކުރުމެވެ.

"ހައްލަކީ ހުރިހާ ނަންތަކެއް ހާމަކުރުން. ފޮރުވައިގެން މިކަމުން ސަލާމަތްވާނެ ކަމަކަށް ނުފެނޭ،" އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާކަން ވެސް ކުރައްވާ ޝިފާ ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މީގެ ކުރިން ސަރުކާރުތަކުން އެއްވެސް މަޝްރޫއެއް ހިންގާފައި ވަނީ ރައްޔިތުންނަށް ވީހާވެސް ދެ ފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.

"އެކަމަށް އެދި ފޯމު ހުށަހެޅި މީހުންނާއި މާކްސް ލިބުނު މިންވަރާއި ހުރިހާ އެއްޗެއް އަބަދުވެސް ހާމަކޮށްފައި ހުރީ. އޭގެ ބޭނުމަކީ، މީހަކަށް ޝަކުވާއެއް ކުރަން އެނގެނީ ވެސް ހަގީގަތުގައި އަނެއް މީހާ އަށް ލިބުނު މާކްސްއަކާއި އޭނާ އަށް ލިބުނު މާކްސްއަކާ އަޅުވާ ކިޔަން އެނގުނީމަ،" އަސްލަމް ވިދާޅުވި އެވެ.

ފްލެޓަށް އެދި ފޯމު ހުށަހެޅި 15،000 އަށް ވުރެ ގިނަ މީހުންގެ ދިގު އިންތިޒާރަށް ހަތަރު އަހަރު ފަހުން މިދިޔަ ހަފުތާގައި ނިމުން އައިއިރު، ލިސްޓް އާއްމުކޮށްފައި އޮތީ ފްލެޓް ލިބުނު މީހުން ސިއްރުކޮށް، ހަމައެކަނި ފޯމު ނަމްބަރާ އެކުގަ އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދިނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށް ކަމެއް ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް މުއިއްޒު މިއަދު ޖަވާބެއް ނުދެއްވަ އެވެ.

އަސްލަމް ވަނީ ނަން ހާމަނުކުރި ނަމަވެސް، އެންމެ ކުޑަ މިންވަރަކަށް މީހުންނަށް މާކްސް ލިބުނު ގޮތް އެނގެން ޖެހޭތީ ވީހާވެސް އަވަހަކަށް ލިބުނު މާކްސްތައް ހާމަކޮށް ދިނުމަށް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ އިންސާފުވެރިކަމާއެކު މިކަން ކުރެވޭ ތަން، ދެ ފުށް ފެންނަ ގޮތަށް ފެންނަން ޖެހޭ. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރާނީ މިކަންތައް. މިއީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ގޮތުގައި ތިބޭ ސަބަބަކީ. ސަރުކާރުން ކުރާ ކަންތައްތަކަށް ފާރަވެރިވެ އެކަން ދައްކަން، ސިޔާސީ މީހަކު ވާހަކަ ދައްކާނަމަ، އެއީ ސިޔާސީ ވާހަކައެއް." އަސްލަމް ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ގެދޮރު ދޫކުރުމުގައި ސަރުކާރުން މިހާ ބޮޑު ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. އެގޮތުން ފްލެޓް ދިންއިރު، ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"ނަމާއި އެޑްރެސް ހާމައެއް ނުކުރެވުނު. އެކަމަކު އެއްކަލަ ނަންބަރު އިން ދިމާލުގައި ޖަހާލަދޭންވީ ނޫންތޯ ލިބުނު މާކްސް؟" މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ކިޔައި މަހްލޫފް ވިދާޅުވި އެވެ.

ޝިފާ އާއި މަހްލޫފްގެ ވާހަކައިގައި ވަނީ ފްލެޓް ދިން މައްސަލައިގެ ހަގީގަތް ބެލުމަށް މިނިވަން މުއައްސަސާތަކުން އިސް ނަގައިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މި މައްސަލަ ނުބެލުނަސް، އެކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.