ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރާ ގުޅިގެން މލހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ރޭ ޕާޓީއެއް ބާއްވަން އުޅުމުގެ ތެރެއިން ކުއްލި ގޮތަކަށް މަރުވީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، އެވެ. އެމީހުންގެ ޖަނާޒާ އޮތީ މަޣުރިބު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފައިވާ ކަމަށެވެ.
ބެލެވޭގޮތުގައި އެ މީހުންނަކީ ރޭ ހުޅުމާލޭގައި ޕާޓީ ބާއްވަން އުޅުނު މީހުންނެވެ.
އެ މީހުން ތިބި ކަމަށް ބެލެވޭ ސަރަހައްދު ބަލައި ފާސްކުރިއިރު، ޕާޓީ ޑްރަގްސް ގުޅަތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު، އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.