ފެނަކަ، ސްޓެލްކޯ އަދި އެންވަޔަރްމަންޓް މިނިސްޓްރީގެ އޮފިޝަލުން ކޮމެޓީއަށް ހާޒިރުކުރަނީ

މާލެއާ އަޅާ ބަލާއިރު އަތޮޅު ތެރޭގައި ކަރަންޓްގެ ޚިދުމަތް ދޭ އަގު ބޮޑުވެފައިވާ މައްސަލާގައި ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރްމަންޓް މިނިސްޓްރީގެ އޮފިޝަލުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރަން އެ ކޮމެޓީން މިރޭ ނިންމައިފި އެވެ.


އެ ކޮމެޓީން އެގޮތަށް ނިންމީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން މިރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި ބަހުސް ކުރުމަށް ފަހު ފާސްކުުރީ އަންނަ އަންގާރަ ދުވަހު ސްޓެލްކޯ އާއި ފެނަކައިގެ އިތުރުން އެންވަޔަރްމަންޓް މިނިސްޓްރީގެ އޮފިޝަލުން ހާޒިރު ކުރުމަށެވެ.

މާލެއާ އަޅާ ބަލާއިރު އަތޮޅު ތެރޭގައި ކަރަންޓުގެ އަގު ބޮޑު ކަމަށް ވިދާޅުވެ، އަގު ކުޑަކުރަން ރޮޒައިނާ ކުރިން ވަނީ ގޮވާލައްވައިފަ އެވެ.