އިންތިގާލީ ސަރުކާރެއް ގާއިމު ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވަރަށް ނާދިރު ހާލަތްތަކުގައި ކޮށްއުޅޭ ކަމެކެވެ. ގައުމުގައި ބޮޑު ހަމަނުޖެހުމެއް ނުވަތަ ހަނގުރާމައެއް ހިނގުމަށް ފަހު، ނުވަތަ ވެރިކަން ކުރުމުގެ ނިޒާމަށް އަންނަ ބޮޑު ބަދަލަކާ ގުޅިގެން، ވެރިކަމުގެ ނިޒާމު ހަމައަކަށް އެޅުވުމަށްޓަކައި އިންތިގާލީ ސަރުކާރު ގާއިމުކުރެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަތަރު ފަހަރެއްގެ މަތިން ބަދަލުވެއްޖެ އެވެ. އެއީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް، ޖުމްހޫރިއްޔަތަކުން ރަސްކަމަކަށް އަދި އެންމެ ފަހުން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށެވެ. އޭގެ އިތުރުން ދުސްތޫރީ ނިޒާމެއް ނެތި ރަސްކަން ކުރަމުން އައިސް، ގާނޫނުއަސާސީއެއް އެކުލަވާލައި ދުސްތޫރީ ވެރިކަމެއް ފެށުމަކީ ވެސް ވެރިކަމުގެ ނިޒާމަށް އައި އިންގިލާބީ ބަދަލެކެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު އިންތިގާލީ ވެރިކަމެއް ގާއިމުކޮށްފައެއް ނުވެ އެވެ.
އެކަމަކު މި ދުވަސްކޮޅު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ހަރުއަޑުން ދެކެވެނީ އިންތިގާލީ ވެރިކަމެއްގެ ވާހަކަ އެވެ. އެ ވެރިކަމުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ، ގާނޫނީ އަދި އަދުލު އިންސާފުގެ ދާއިރާ އިސްލާހު ކުރުމަށް ފަހު، ހުރިހާ ޕާޓީތަކުން ވާދަކުރާ މިނިވަން އިންތިހާބެއް ބާއްވާނެ ވާހަކަ އެވެ. ނަމަވެސް ސުވާލަކީ އިންތިގާލީ ވެރިކަމަކީ ނުވަތަ އިންތިގާލީ ސަރުކާރަކީ، ރާއްޖޭގެ ގާނޫނުއަސާސީ ދަންނަ އެއްޗެއް ހެއްޔެވެ؟
ގާނޫނުއަސާސީގައި އިންތިގާލީ ވެރިކަމެއް ނުވަތަ ސަރުކާރެއްގެ ވާހަކައެއް ނެތެވެ. އައު ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމާ އެކު އައީ އިންތިގާލީ މަރުހަލާއެކެވެ. އިންތިގާލީ ސަރުކާރެއް ނާދެ އެވެ. އިންތިގާލީ މަރުހަލާއެއް ދިނީ، އައު ގާނޫނުއަސާސީގައި ހުރި މަފްހޫމުތަކާ ފައިހަމަވާ ގާނޫނުތަކާއި އެ ގާނޫނުތަކާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް ދިން މުއްދަތެއްގެ ގޮތުގަ އެވެ.
އެހެންކަމުން މިހާރު ހިނގަމުން މިދާ ވެރިކަމުގެ ދައުރު ނިމުމާ އެކު، އިންތިގާލީ ވެރިކަމެއް ގާއިމުކުރަން ބަޔަކު ވިސްނާއިރު، އެންމެ ފުރަތަމަ ބަލަން ޖެހެނީ އެއީ ކުރެވިދާނެ ކަމެއްތޯ އެވެ.
ރާއްޖޭގެ ދުސްތޫރީ ނިޒާމު އޮތް ގޮތަށް ބަލާއިރު، އެކަމަށް ދެ ފުރުސަތެއް އެބަ އޮތެވެ. ފުރަތަމައީ، ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއަށް، އިންތިގާލީ ވެރިކަމެއްގެ މަފްހޫމު ތައާރަފް ކުރުމެވެ. ފަހަރެއްގައި އެ ކަމަށްޓަކައި ގާނޫނުއަސާސީ އަށް ވެސް ބަދަލެއް ގެންނަން ޖެހިދާނެ އެވެ.
ދެ ވަނަ ފުރުސަތަކީ، އެކަން ކުރުމުގެ ވިސްނުމައިގެން އުޅޭ ސިޔާސީ ބޭފުޅުންގެ މެދުގައި އެކަމަށް އެއްބަސްވެ، ގާނޫނުތަކާ ނުބައްސައި އެކަން ކުރުމެވެ. މާނައަކީ، އެ ބޭފުޅުން އެ ނެރުއްވާ އިންތިގާލީ މަރުހަލާގެ ކެންޑިޑޭޓަށް ނޮވެމްބަރު 11، 2018 ގައި ވެރިކަން ލިބިވަޑައިގެންފި ނަމަ، އެ ބޭފުޅުންގެ އިސްލާހީ އެޖެންޑާގައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެތައް އިސްލާހު ކުރުމަށް ފަހު، ރައީސާއި ނާއިބު ރައީސް އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމެވެ.
އެ ހާލަތުގައި ދެން އަމަލުކުރަން އޮންނާނީ ގާނޫނުއަސާސީގެ 124، 125 ވަނަ މާއްދާގައި ބުނެފައިވާ ހަމަތަކުގެ މަތިންނެވެ. އެއީ ގައުމުގެ ވެރިކަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތީ ގޮތުން ހަވާލުވެވަޑައިގެން، 60 ދުވަހުގެ ތެރޭގައި ރިއާސީ އިންތިޚާބެއް ބާއްވައި ރައީސަކާއި ނާއިބު ރައީސަކު އިންތިޚާބު ކުރުމެވެ. އެ ހާލަތުގައި އިންތިޚާބުވާ ބޭފުޅަކަށް ރައީސް ކަމުގައި ހުންނެވޭނީ އެ ވަގުތު ހިނގަމުންދާ ރިއާސީ ދައުރުގެ ބާކީ އޮތް މުއްދަތު ހަމަވަންދެނެވެ.
މި ދެ ފުރުސަތުގެ ތެރެއިން ފުރަތަމަ ފުރުސަތުގައިވާ ގޮތަށް ކަންތައް ކުރުމަކީ، ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތުން ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން އިންތިގާލީ ވެރިކަމެއް ގާއިމު ކުރުމެވެ.
އެންމެ ފުރަތަމަ، ގާނޫނުއަސާސީ އިސްލާހު ކޮށްގެން އިންތިގާލީ ވެރިކަމެއް ގާއިމުކުރާ ނަމަ، އެކަމަށް ވަރަށް ގިނަ ގާނޫނީ ހުރަސްތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ގާނޫނުއަސާސީ އިސްލާހު ކުރަން ބޭނުންވާ ވަރުގެ އަޣުލަބިއްޔަތެއް އިދިކޮޅު ފަރާތްތަކަށް ލިބިފައި ނެތުމެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އެހާ ފަސޭހަ އިން ކުރެވޭ ގޮތަށް އޮތް ކަމެއް ނޫނެވެ. މިހާރު މަޖިލީހުގައި 85 މެންބަރުން ތިބޭ އިރު، އެ އަދަދުގެ ހަތަރު ބައިކުޅަ ތިން ބައިގެ (64 މެންބަރުންގެ) އަޣުލަބިއްޔަތުން މެނުވީ ގާނޫނުއަސާސީ އަށް އެއްވެސް އިސްލާހެއް ނުގެނެވޭނެ އެވެ.
އެ އަޣުލަބިއްޔަތުން ގާނޫނުއަސާސީ އަށް އިސްލާހެއް ގެންނަން ފާސްވިޔަސް، ރިއާސީ ދައުރުގެ މުއްދަތު ކަނޑައަޅައިދޭ 107 ވަނަ މާއްދާ އާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް ކަނޑައަޅާފައިވާ 108 ވަނަ މާއްދާ އަށް ގެންނަ އިސްލާހެއް ނަމަ، އެ އިސްލާހަކަށް އަމަލު ކުރެވޭނީ، އެ އިސްލާހު ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގައި އެ އިސްލާހަށް ތާއީދު ލިބި، ރައީސް ތަސްދީގު ކުރެއްވުމުންނެވެ.
މަޖިލީހުގެ މެމްބަރުންގެ ސިޔާސީ ވިސްނުން ކަފި ވެފައިވާ ގޮތަށް ބަލާއިރު، މަޖިލީހުގައި ބާރު ގަދައީ ރައީސް ޔާމީނުގެ ސިޔާސަތެވެ. އަދި ހިތުގެ އަޑިން ތާއީދު ނުކުރިޔަސް، މަޖިލީހުގެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރުގައި ވެސް ކިތަންމެ މެމްބަރުންނެއް ތިބީ، ވެރިކަންކުރާ ޕާޓީގެ ތަޅު އެޅިފަ އެވެ.
އެހެންކަމުން، މިހާރު ރައީސް ކަމުގައި ހުންނެވި އަބްދުﷲ ޔާމީން އަށް، 2018ގެ އިންތިޚާބު ނާކާމިޔާބުވުމަށް މަގު ފަހިވާ ފަދަ ގޮތަކަށް ގާނޫނުއަސާސީ އަށް އެއްވެސް އިސްލާހެއް ގެންނާކަށް މަޖިލީހުގެ ތެރެއިން ފުރުސަތެއް ނުލިބޭނެ އެވެ. އެކަން ކުރަން އުޅުމަށް ވުރެ ރަނގަޅުވާނީ އެކަމަށް ހިތުވެސް ނުލިއްޔާ އެވެ.
މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވިދާޅުވަނީ އިންތިގާލީ ވެރިކަމެއްގެ ވާހަކަ ހަގީގަތަކަށް ނުވާނެ ކަމަށެވެ. އެ ކަމަށް ވާހަކަ ދެއްކިޔަސް އަމަލީ ގޮތުން އެކަން ތަންފީޒު ކުރުމަކީ މުސްތަހީލު ކަމެއް ކަމަށް ވެސް، މިސާލު ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުފެނޭ އެ ވޯކް ކުރާނެ މަންޒަރެއް. އަނެއްހެން ވާހަކައެއް ދައްކަން ބޭނުމިއްޔާ ރަނގަޅު ވާހަކައެއް އެއީ. އެކަމު އެއިން ހާސިލުކުރެވޭނެ އެއްވެސް ނަތީޖާއެއް ނެތް. އެއީ އެކަމެއް ނުއެއް ވާނެ. މީގެ ކުރިން 2008 ވަނަ އަހަރުގައި ވެސް އެމްޑީޕީން ނަޝީދު ދެއްކެވީ މި ވާހަކަ ފުރަތަމަ ބުރަށް ދިއުމުގެ ކުރީގައި. ހަސަން ސައީދޭ ނެރޭނީ ކިޔާފައި ވާހަކަ ދެއްކެވި އޭރުގައި ވެސް. އަޅުގަނޑު އެ ޖަލްސާތަކުގައި ބައިވެރިވި މީހެއް ވީމާ އެކަން އެނގޭ. ދައްކާފައި ވެސް ހަމަ ނަޝީދު ނުކުތީ،" އުމަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ދެ ވަނަ ބުރުގައި އެންމެން ގުޅިގެން ނަޝީދަށް ވެރިކަން ހޯދައިދިނީމާ ކަން ހިނގި ގޮތް އެންމެނަށް ވެސް އެނގޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
މި ކަމުގައި އޮތް ދެ ވަނަ ގޮތަކީ، 2018ގެ ރިއާސީ އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރައްވައި ކާމިޔާބު ކުރެވިއްޖެ ނަމަ، ގައުމު އިސްލާހު ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅައި އެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު އަމިއްލައަށް އިސްތިއުފާ ދެއްވައި މިނިވަން އިންތިހާބަކަށް މަގު ފަހިކުރުމެވެ. އަދި އެމަގަށް ކަން ކުރުމަށްޓަކައި، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ މެދުގައި އެއްބަސްވުމެއް ގާއިމު ކުރުމެވެ.
މިފަދަ އެއްބަސްވުމެއް ހެދިދާނެ އެވެ. އަދި އެ ކަމަށް އެއްބަސްވާ ބޭފުޅަކަށް ވެރިކަން ހޯދައިދޭން ސިޔާސީ ހުރިހާ ބޭފުޅުން ގުޅިވަޑައިގެން މަސައްކަތް ވެސް ކުރެއްވިދާނެ އެވެ. ނަމަވެސް އިންތިގާލީ މަރުހަލާއެއްގެ މަގްސަދު ހާސިލު ކުރެވިދާނެ ހެއްޔެވެ؟
އަންނަ ރިއާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް އެހެން ބޭފުޅަކު ކުރި ހޯއްދެވިޔަސް، މަޖިލީހުގައި އޮންނާނީ ހަމަ މިހާރު ވެސް އެ ތިއްބެވި ބޭފުޅުންގެ ބާރެވެ. ރައީސް ޔާމީންގެ ބާރު ކެނޑުމުން އޭގެ ތެރެއިން ބައެއް މެމްބަރުން، ޕީޕީއެމާ ފެއަށް ޖެހިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ވެސް، ބޮޑު ފާރުގެ ހިމާޔަތުގައި އިންނެވި މަސީހު އެ މަގާމުގައި އިންނަވައިގެން، ރައީސް ޔާމީނަށް ގެއްލުމެއް ވެދާނެ ފަދަ ގޮތަކަށް މަޖިލީހުގެ މިސްރާބު ބަދަލު ކުރައްވަފާނެ ބާއޭ ސުވާލު އުފެދެ އެވެ.
މިއަދު ގިނަ ބަޔަކު ފާޑުކިޔަނީ، މަތީ މަރުހަލާގެ ދެ ކޯޓަށެވެ. އަންނަ އަހަރު އައު ބޭފުޅަކު ވެރިކަމަށް ވަޑައިގަތަސް، އެ ދެ ކޯޓުގައި ތިއްބަވާނީ މިހާރު ވެސް އެ ތިއްބެވި ފަނޑިޔާރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނޫނީ އެއިން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނެ ގޮތެއް ނޯންނާނެ އެވެ.
އިންތިގާލީ ވެރިކަމެއް ގާއިމުވުމަށް ފަހުގައި، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަކީ، ވެރިކަން ކުރާ ފަރާތްތައް ރުހޭ ފަދަ ނިންމުންތަކެއް ކަމުގައިވާ ނަމަ، ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުން ވަކި ކުރަން ނުވަތަ ބަދަލުކުރަން ސަރުކާރު ބޭނުންވާނެ ހެއްޔެވެ؟
އުމަރު ވިދާޅުވީ ގާނޫނުތަކަށް ބަދަލު ނުގެނެސް އެހެން ގޮތަކުން އިންތިގާލީ ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރިޔަސް އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށެވެ.
"އެހެންވީމާ ދެން މިޖެހެނީ ސިޔާސީ މީހުން ހަމައެކަނި އިތުބާރަށްޓަކައި އެގްރީމެންޓެއް ހަދައިގެން އިންތިޚާބަކަށް ނުކުންނަން. ސިޔާސީ އެގްރީމެންޓަކީ އެއްވެސް ގޮތަކުން އެ ނެގެހެއްޓޭ އެއްޗެއް ނޫން ކަން އެއީ ވެސް ފެންނަން ހުރި މަންޒަރު. އަދި ތިމާގެކަމަކީ ވެސް ނެގެހެއްޓޭ އެއްޗެއް ނޫން. ބޭބެއާ ކޮއްކޮއާ ވެސް މިހާރު ވެސް ތަޅަނީ ނޫންތޯ. އެހެންވީމާ ރާއްޖޭގައި އިންތިގާލީ ކެންޑިޑޭޓެއް ނާންނާނެ. އެއީ ހަމަ ނިއާ އިމްޕޮސިބަލް،" އުމަރު ވިދާޅުވި އެވެ.
"ދެ ހާސް އަށް ވަނަ އަހަރުގެ އިންތިހާބުގެ ދެ ވަނަ ބުރަށް (ނަޝީދު) ހޮވުމުން، ތިން އަހަރުން، ދެ އަހަރު ބައިން އިސްތިއުފާ ދޭނަމޭ ކިޔާފައި އެ ގޮތަކަށް އެކަމެއް ނުކުރެއްވިތާ. ދެން ވަހީދު ވެރިކަމަށް ވަޑައިގަތީމާ އަޅުގަނޑުމެން ހީކުރީ ވަހީދު ވާނީ އެ ދައުރުގެ މުއްދަތު ފުރިހަމަކޮށްލަން ވަޑައިގަންނަވާ ބޭފުޅަކަށޭ. އެކަމަކު ވަހީދު ވެސް ބޭނުންފުޅުވީ އަނެއް ދައުރަށް ކުރިމަތިލައްވަން."
އުމަރު ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވާ އިރު ކޮންމެ ވާހަކައެއް ދައްކައި ކޮންމެ ގޮތަކަށް އެއްބަސް ވިޔަސް ވެސް، "ވެރިކަމަށް އައުމަށް ފަހު ކޮންމެ މީހެއްގެ ވެސް އަމިއްލަ ފިޔައެއް ފަޅާނެ" ކަމަށާއި އޭގެ ފަހުގައި ދެން އުދުހޭނީ އެ ފިޔައިގެ ބާރުގައި އަމިއްލަ އަށެވެ. އެހެންވީމާ އިންތިގާލީ ވެރިކަމެއްގެ ވާހަކަ އެ ދައްކަވާ ބަޔަކު އެ ދައްކަވަނީ އެކަން ހަގީގަތަކަށް ނުހެދޭނެ ކަން ވެސް އެނގި ތިބެ އެވެ.