ކާނަލް ނާޒިމަށް އިންސާފުވެރި ޝަރީއަތެއްގެ ފައިދާ ކުރާނީ ކޮންއިރަކުންތޯ: އެމެރިކާ

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިންސާފުވެރި ޝަރީއަތުގެ ފައިދާ ކުރާނީ ކޮން އިރަކުންތޯ، ރާއްޖެ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް މިއަދު ސުވާލު އުފައްދަވައިފި އެވެ.


ނާޒިމް ޖަލުގައި ހޭދަކުރާތާ އިއްޔެ ވަނީ 1000 ދުވަސް ވެފަ އެވެ. އެކަމާ ގުޅިގެން އޭނާގެ ވަކީލް ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވައި ކެޝަޕް ވިދާޅުވީ ނާއިންސާފުން ނާޒިމް ޖަލުގައި ބަންދުކޮށްފައި ހުންނަތާ 1000 ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން އިންސާފުވެރިކަމާއެކު ގާނޫނީ ހެކިތަކުގެ މައްޗަށް ހިނގާ ޝަރީއަތެއް ލިބޭނީ ކޮންއިރަކުންތޯ ވަނީ އައްސަވައިފަ އެވެ.

ޖަލުގައި ހޭދަކުރި ކޮންމެ ދުވަހަކީ ވެސް ނާޒިމަށް ދިން އަނިޔާއެއް ކަމަށް ބުނެ އޭނާގެ އާއިލާއިން ވެސް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ އާއިލާއިން ނެރުނު ބަޔާނުގައި ބުނީ ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް މެންދުރުގެ އިރު ފަދައިން ފާޅުވެފައިވާއިރު، ޝަރުއީ ނިޒާމުގެ ތެރެއިން ފަރުވާއެއް ނުލިބި ހިނގާ ކޮންމެ ހިނދުކޮޅަކީ އެކަމުގެ ސަބަބުން އޭނާ އާއި އާއިލާއަށް އަދި ދިވެހި ރައްޔިތުންނަށް ދޭ އަނިޔާއެއް ކަމަށެވެ.

ނާޒިމް ދިރިއުޅުއްވި ގޭގައި ފިސްތޯލައެއް އޮތީ އޭނާއަށް އެނގިވަޑައިގެން ކަން ބަލާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި އެ ފިސްތޯލައިގައި އޭނާގެ ފިންގަޕްރިންޓް އަދި ޑީއެންއޭ ލިބިފައިވުން ފަދަ ނާޒިމާ ގުޅުވައިލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް ވެސް އާއިލާއިން ބުންޏެވެ. އެކަމަކު ޝަރުއީ ނިޒާމުގެ ތެރެއިން ލިބެން ޖެހޭ ފުރުސަތުތަކުން މަހުރޫމުކޮށްގެން ޖަލު ބަންދުގައި ނާޒިމް ގެންގުޅުއްވާފައިވާކަން ފާހަގަ ކޮށްފައި ވެ އެވެ.

ނާޒިމް ޖަލަށް ލުމަށް ހުކުމް ވެސް ކުރި ފަހުން ފުލުހުން ވަނީ، އެ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ބުނެފަ އެވެ.

އެހެންކަމުން އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. ނަމަވެސް އެ ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް އާއިލާއިން ކަމާ ބެހޭ ފަރާތްތަކުގައި އެދުމުން ވެސް އެކަމަށް މުއައްސަސާތަކުން ވަނީ ބީރުކަންފަތެއް ދީފަ އެވެ.

ނާޒިމްގެ މައްޗަށް ހިންގީ މިނިވަން، އިންސާފުވެރި ޝަރީއަތެެއް ނޫން ކަމަށް ކަނޑައަޅައި އޭނާ ވަގުތުން ދޫކޮށްލުމަށް އދ. އިން މިއަހަރުގެ ޖެނުއަރީ މަހު ވަނީ ގޮވާލައިފަ އެވެ. ނަމަވެސް ރާއްޖޭން ވަނީ އެ ގޮވާލުމާ ދެކޮޅު ހަދައިފަ އެވެ.