އެމެރިކާ އިން ރާއްޖެ އަށް އާ ސަފީރެއް ކަނޑައަޅަނީ

ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރުގެ މަގާމަށް އައު ބޭފުޅަކު އައްޔަން ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމަވައިފި އެވެ.


ރާއްޖެ އާއި ސްރީ ލަންކާ އަށް އަލަށް ކަނޑައަޅަން ނިންމީ ނޭޕާލުގައި މިވަގުތު ހުންނަވާ އެމެރިކާ ސަފީރު އަލައިނާ ޓެޕްލިޓްޒް އެވެ.

އެމެރިކާ އިން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރަކަށް މިހާރު ހުންނެވީ އަތުލް ކެޝަޕް އެވެ. އޭނާ އެ މަގާމު ފުރުއްވަމުން ގެންދަވަނީ އޮގަސްޓް 2015 އިން ފެށިގެންނެވެ.

އަތުލް ފާހަގަކުރެވެނީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި އަދި ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވާ ޑިޕްލޮމެޓެއްގެ ގޮތުގަ އެވެ.

އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް (މ) ރާއްޖޭގެ އިދިކޮޅު ބައެއް އިސް ބޭފުޅުންނާ އެކު ފޮޓޯއެއް ނަންގަވަނީ: އަތުލްގެ ބަދަލުގައި ރާއްޖެ އާއި ލަންކާ އަށް އެމެރިކާ އިން އާ ސަފީރެއް ކަނޑައަޅަން މިހާރު ވަނީ ނިންމާފައި.

ރާއްޖެ އާއި ލަންކާ އަށް އެމެރިކާ އިން ކަނޑައަޅާ އާ ސަފީރަކަށް ޓެޕްލިޓްޒް ހަމަޖެއްސުމަށް އެމެރިކާގެ ސެނެޓަށް މިހާރު ވަނީ ފޮނުވާފަ އެވެ.

ޓެޕްލިޓްޒަކީ އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެކެވެ. މިހާތަނަށް އަފްގާނިސްތާނާއި ޕާކިސްތާނާއި ބަނގުލަދޭޝްގެ އިތުރުން މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި އޭނާ ވަނީ އެމެރިކާގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ