ރިޔާސީ އިންތިޚާބަށް 85 މިލިއަން ރުފިޔާ، ސިޔާސީ ޕާޓީތަކަށް 24 މިލިއަން

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 24.2 މިލިއަން ރުފިޔާ އަދި އަންނަ އަހަރު ރިޔާސީ އިންތިޚާބު ބޭއްވުމުގެ ޚަރަދަށް 85 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.


ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް އަންނަ އަހަރު 24.2 މިލިއަން ރުފިޔާ ދޭނެ އެވެ. އެއީ ޕާޓީތަކަށް ސަރުކާރުން މި އަހަރު ދިން އަދަދަށް ވުރެ، ތިން މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގޮނޑިތަކުގެ ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާ ވަނީ ދާދި ފަހުން މި އަހަރަށް ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓުގައި ކަނޑައަޅައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތާއި އިންތިޚާބުތަކުގެ ކަންކަން ކުރަމުން އަންނަ އިލެކްޝަންސް ކޮމިޝަނަށް އަންނަ އަހަރު ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 116 މިލިއަން ރުފިޔާ އެވެ. މި އަހަރު އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓަކީ 77 މިލިއަން ރުފިޔާ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓުގެ ފައިސާ ޕާޓީތަކަށް ޚާއްސަ ކުރަންޖެހޭ ކަމަށެވެ.

މި އަހަރަށް ފާސްކުރި 27 ބިލިއަން ރުފިޔާގެ ބަޖެޓުން ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ ޕާޓީތަކަށް ދީފައި ވަނީ މި އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވަނިކޮށެވެ. އެހެންވެ، އިދިކޮޅު ގިނަ ޕާޓީތަކުން ވަނީ ފައިސާ ދިނުން ލަސްވެގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

މި އަހަރު އެންމެ ގިނަ ފައިސާ ލިބުނީ، އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ވެރިކަންކުރާ ޕީޕީއެމަށެވެ. އެ ޕާޓީ އަށް 10 މިލިއަން ރުފިޔާ ޖަމާކޮށްދިން އިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އަށް ލިބުނީ 7.4 މިލިއަން ރުފިޔާ އެވެ. އަދި ޖުމްހޫރީ ޕާޓީ އާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް 2.7 މިލިއަން ރުފިޔާ ލިބުނެވެ. މެމްބަރުންގެ އަދަދު ހަމަނުވުމުން އަދާލަތު ޕާޓީ އަށް ސަރުކާރުން ފައިސާއެއް ނުދެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ.