މިދިޔަ ބުރާސްފަތިދުވަހު ޕީޕީއެމްގެ އޮފީހުގައި އޮތް ބައްދަލުވުމަކަށް ފަހު މައުމޫން ނުކުމެވަޑައިގެން، އެ ޕާޓީގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ތޮލާލާ ސަލާމް ކުރައްވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
05 ޖުލައި 2016 - 14:59
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް އީދުގެ ފަހުން ބާއްވަން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޕީޕީއެމް ތެރޭގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ހިޔާލު ހޯއްދެވުމަށް ކުރީގެ ރައީސް މައުމޫން ގެންދަވަނީ ކައުންސިލްގެ މެމްބަރުންނާ ވަކިވަކިން ބައްދަލުކުރައްވަމުންނެވެ. އެކަމަކު، އިތުރު ތަފްސީލެއް އެ ބަޔާނަކު ނެތެވެ.
ކައުންސިލް މެމްބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އީދުގެ ފަހުން ބާއްވާ ބައްދަލުވުމުގައި އެެއްވެސް ކަމެއް ނިންމަން ރާވާފައެއް ނެތެވެ. އޭގެ ބަދަލުގައި، އެއީ، އޭނާ ވިދާޅުވި ގޮތުގައި، ޕާޓީގެ ތެރޭގައި ޖެހިފައިވާ މައްސަލަތައް ހައްލު ކުރުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުމެކެވެ.
ތިން ދުވަސް ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިދޭން އެދި ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ވަނީ މައުމޫނަށް ސިޓީއަކުން އެދިވަޑައިގެންފަ އެވެ. އެކަމަކު، އެ ސިޓީ އަށް އެ މަނިކުފާނު އިޖާބަ ދެއްވާފައެއް ނުވެ އެވެ. އަދި ކައުންސިލް ބައްދަލުވުމެއް ނުބާއްވައިފި ނަމަ، މައްސަލަ އަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށަން ރައީސް ޔާމީނާ އެކު މިދިޔަ ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރުން ވަނީ މަޝްވަރާކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބައްދަލުވުން ބާއްވަން މައުމޫން ނިންމެވީ އިއްޔެގަ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ. މި ބައިބައިވުމުގެ ތެރެއިން މައުމޫން ވަނީ ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލައްވާފަ އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.
މި މައްސަލަ ބޮޑުވެފައި ވާއިރު، އެއް ބަޔަކު އަނެއް ބައެއްގެ މައްސަލަތައް ބަލައިދޭން އެދި ސުލޫކީ ކޮމެޓީ އަށް އަންނަނީ މައްސަލަތައް ހުށަހަޅަމުންނެވެ. އަދި މައުމޫން ޕާޓީ ހިސޯރު ކުރައްވާފައިވާ ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ މިއަދު ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
05 July 2016
ތިޔަ ބައްދަލުވުން ވެގެންދާނީ ޕީޕީއެމްގެ ޖަނާޒާއަކަށް