ދަތިއަޅުވައި ވައްޓާލައިގެން މަޝްރޫއުތަކެއް ނުހިނގާނެ: މުނައްވަރު

ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތައް ހުއްޓުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި "ދަތިއަޅުވައި ވައްޓާލައިގެން" މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވިދާޅުވެއްޖެ އެވެ.


އެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަޝްރޫއުތައް ހިންގަނީ ލިބޭ އާމްދަނީންނާއި ހިލޭ އެހީންނާއި ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާ އިން ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ނުލަފާކަން" ދައްކާލާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ރާއްޖެ ބަދުނާމްކޮށް، ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލާތީ ރާއްޖެ އަށް ލިބޭ އާމްދަނީ އަށް އަސަރު ކުރަމުންދާ ކަމަށް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު މަޖިލީހުގެ ކޮމެޓީގައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދަތިއަޅުވައި ވައްޓާލައިގެން ޕްރޮޖެކްޓުތައް ކުރިއަކަށް ނުގެންދެވޭނެ. ވައްޓާލަން އުޅޭނެތާ. އެ ބޭފުޅުންނަށް އެނގޭ ޕްރޮޖެކްޓުތައް ކުރިއަށްދާކަން. އެހެންވެ އިތުރަށް އުނދަގޫ ކުރަން ބޭނުން ވެސް ވާނެތާ،" މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބައިނަލްއަގުވާމީ މާކެޓަށް ބޮންޑް ވިއްކަން ނުކުތުމުން، ކުރީގެ ރައީސުންތަކެއް އެކަމާ ދެކޮޅަށް ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ސަބަބުން މާކެޓަށް ނިކުމެ، ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެހީ ހޯދަން ދަތިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މުނައްވަރުގެ ވާހަކައިގައި އެއީ ކޮން ރައީސުންނެއް ކަމެއް ވިދާޅެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ ޔޫރަޕްގެ ޕްރެޝަރާ ހެދި ރާއްޖޭގެ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއެއް ހުއްޓިފައި އޮންނަތާ ހަތަރު އަހަރެއްހާ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"ރައްޔިތުންނަށް ހިދުމަތް ދޭން އުޅޭއިރު، ސަރުކާރަށް ކަމެއް ވެދާނެތީ، ތިޔަބޭފުޅުންގެ (އިދިކޮޅު ފަރާތްތައް) ބާރު ކެނޑިދާނެތީ، ވޯޓުތަކެއް ގެއްލިދާނެތީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޕްރޮޖެކްޓުތައް ހުއްޓުވުމަށް އެތައް ގޮތަކުން މަސައްކަތް ކުރަމުންދާ ތަން،" މުނައްވަރު ވިދާޅުވި އެވެ.

މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭރުގެ ފަރާތްތަކާ ވާހަކަ ދައްކަމުންދާއިރު، މުޒާހަރާކޮށް ގައުމު ހުއްޓެނީ ކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް މުނައްވަރު ވިދާޅުވި އެވެ.

މެމްބަރު ހަލީލް ކޮމެޓީ ބައްދަލުވުމުގައި މިނިސްޓަރު މުނައްވަރާ ސުވާލު ކުރައްވަނީ. - ފޮޓޯ: މިހާރު/ ނިޝާން އަލީ

އިގްތިސާދާއި ރައްޔިތުންނާ ގުޅުން ހުރި މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެކަންކަމަށް އެހީތެރިވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުނައްވަރު ވަނީ ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުތައް ކުރިއަށްގެންދާއިރު ކައުންސިލްތަކުން "ގުޑާވެސް ނުލާ" ތިބެ އެވެ.

ނަމަވެސް ސަރުކާރަށް ލިބޭ އާމްދަނީން މަޝްރޫއުތައް ހިންގަމުންދަނީ ހުރިހާ ދިމާލެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެމުންދާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ނޭޅޭނެ ކަމަށް ބުނި މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުން މިސާލު ނަންގަވައި މުނައްވަރު ވަނީ ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި، ސަރުކާރުގެ ނިންމުން ދިފާއު ކުރައްވައިފަ އެވެ.

މުނައްވަރު ވިދާޅުވި ކުޅުދުއްފުއްޓަކީ ކޮމާޝަލް ހާބަރެއްގެ ގޮތުގައި ސަރުކާރުން ވިސްނާފައި އޮތް ރަށެއް ކަމަށެވެ. އެގޮތުން ބަންދު ދުވަހެއް ދިމާވެއްޖެނަމަ، ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުން ހިދުމަތް ހޯދަން ކުޅުދުއްފުއްޓަށް އަންނަމުންދާ ކަމަށް މުނައްވަރު ވިދާލުވި އެވެ. އަދި ދުރު މުސްތަގުބަލަކަށް ވިސްނާއިރު، ކުޅުދުއްފުށީގައި އެއާޕޯޓެއް ނާޅައި މާ ލަސްވެއްޖެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމާއި އެހެނިހެން މަޝްރޫއުތައް ވެސް ކުރިއަށް ގެންދަނީ ރާއްޖޭގެ ތިމާވެއްޓައި ބަލައި، އެއްވެސް ސަރަހައްދެއް ހިމާޔަތް ކުރަން ޖެހޭނަމަ، އެ ތަނެއް ހިމާޔަތްކޮށްގެން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކަމަށެވެ.