ބީޕީޓީ ނަގާ މިންގަނޑަށް އުޅެނީ ބަދަލުގެންނަން: އަމީތު

ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީ ނަގާ ވިޔަފާރިތައް އިތުރު ކުރުމަށް އެ މިންގަނޑަށް ބަދަލު ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.


މިހާރު ބީޕީޓީ ނަގަމުން އަންނަނީ ފައިދާގެ ގޮތުގައި ލިބޭ އާމްދަނީ އަހަރަކު 500،000ރ. އަށް ވުރެ އިތުރުވާ ވިޔަފާރިތަކުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ބުނެފައި ވަނީ ބީޕީޓީ ގާނޫނަށް ގެންނަ ބަދަލާ އެކު ބީޕީޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ. ނަމަވެސް ގެންނަ ބަދަލެއް ބުނެފައެއް ނުވެ އެވެ.

ބަޖެޓާ ގުޅޭގޮތުން ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ބީޕީޓީ ނެގުމަށް މިހާރު އޮންނަ ސީލިންގް ލިމިޓް ދަށްކޮށްގެން ގިނަ ވިޔަފާރިވެރިންގެ އަތުން ޓެކްސް ނަގައި ދައުލަތަށް އިތުރަށް އާމްދަނީ ހޯދުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ.

"ވިޔަފާރި ފައިދާއިން ނެގޭ ޓެކްސްއިން ލިބޭނެ ފައިދާ އިތުރުވާނެ ކަމަށް ދައުލަތުން ލަފާ ކުރަނީ ބީޕީޓީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން 2018 ވަނަ އަހަރު ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް ދައްކާ ފަރާތްތައް ގިނަވާނެތީ ކަމަށް،" އަމީތު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓަށް އަންނަ އަހަރު އާމްދަނީ ހޯދުމަށް ހިމަނާފައިވާ ގިނަ ކަންކަން ހިމެނެނީ ޓެކްސްތަކަށް ބަދަލު ގެނެސްގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.