މިއަހަރުގެ މިހާތަނަށް ޓެކްސް އިން ލިބުނު އެންމެ ބޮޑު އާމްދަނީ ޖުލައި މަހު ލިިބިއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 300 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހުގެ ޓެކްސް އާމްދަނީ އިތުރުވީ އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ ގިނަވުމުންނެވެ. އަދި މިދިޔަ މަހު 7 ފަރާތަކުން 35 މިލިއަން އެމެރިކާ ޑޮލަރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ވެސް މީރާއަށް ދައްކާފައިވެ އެވެ.
މިދިޔަ މަހު އިންކަމް ޓެކްސްގެ ގޮތުގައި މީރާއަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ޖުމްލަ ޓެކްސް އާމްދަނީގެ ގާތްގަނޑަކަށް 50 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޖީއެސްޓީގެ ގޮތުގައި 580 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ތިން ވަނައަށް އެންމެ ބޮޑު އާމްދަނީގެ ގޮތުގައި ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 540 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ދައުލަތަށް 13 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީންނެވެ. މިއަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދައުލަތުގެ އަންދާޒާއަކީ މިއަހަރު ނިމޭ އިރު ޓެކްސް އާމްދަނީގެ ގޮތުގއި 15 ބިލިއަން ރުފިޔާ ހޯދުމެވެ. މި އަދަދު ކުރިއަށް ދެ މަސް ތެރޭ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އެހެންވެ، އަންދާޒާކުރި ވަރަށް ވުރެ އިތުރަށް ޓެކްސްގެ ގޮތުގައި ދައުލަތަށް މިއަހަރު އާމްދަނީ ލިބޭނެ ކަމަށް ބެލެވެ އެވެ.